ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަންގެ ސުލްހައިގެ އެމްބެސެޑަރަކަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަށް ދެއްވައިފި އެވެ.

ރައީސް ވަހީދަށް އެ ޝަރަފު އެރުވީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ފައުންޑޭޝަންގެ ޕީސް ފެސްޓިވަލެއްގަ އެވެ. އެ ފެސްޓިވަލުގެ ޝަރަފްވެރި މެހެމާނަކީ ވެސް އެމަނިކުފާނެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު 7 ފެބްރުއަރީ 2012 އިން 17 ނޮވެމްބަރު 2013 އަދާކުރެއްވި ރައީސް ވަހީދަކީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި އެތައް އެއްވުމެއް ބާއްވައި ހަމަނުޖެހުންތަކެއް ހިނގި ދުވަސްވަރެކެވެ.

ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނުން ބުނި ގޮތުގައި، ރައީސް ވަހީދަށް އެޖަމިއްޔާގެ ސުލްހައިގެ އެމްބެސެޑަރަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ވެރިކަން އެމަނިކުފާނު އަދާކުރެއްވި ދުވަސްވަރު ގައުމަށް ހަމަޖެހުމާއި ސުލްހަ ގެނައުމަށް ކުރެއްވި މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

އެހެން ގައުމުތަކުގެ ސަރުކާރުތަކާއި ޖަމިއްޔާތަކާ ވަކިވަކި ފަރުދުންނާ ގުޅުން ބަދަހިކުރުމުގައި މަގުސަދުގައި މަސައްކަތްކުރަމުން އަންނަ ޗައިނާ ވޯލްޑް ޕީސް ފައުންޑޭޝަނަކީ ޗައިނާގެ ސަރުކާރާއި ޗައިނާ ޑިވެލޮޕްމެންޓް ބޭންކްގެ އެހީގަ ހިންގަމުން އަންނަ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ.