ބާލިންޓަން (ސެޕްޓެމްބަރު 24): އެމެރިކާގެ ވޮޝިންޓަން ސްޓޭޓުގެ ބާލިންޓަންގެ ޝޮޕިން މޯލްއެއްގައި ބަޑިން ހަމަލާދީ ތިން މީހަކު މަރާލައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ބާލިންޓަންގެ ކެސްކޭޑް ޝޮޕިން މޯލްއަށް ދިން އެހަމަލާގައި މަރުވެފައި ވަނީ ތިން އަންހެނުންނެވެ. އަދި އެހަމަލާގައި ދެ މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

ވޮޝިންޓަން ސްޓޭޓް ފުލުހުންގެ ތަރުޖަމާނު މާކް ފްރެންސިސް ވިދާޅުވި ގޮތުގައި އެހަމަލާ ދިން ކަމަށް ބެލެވެނީ އެންމެ މީހެކެވެ. ނަމަވެސް އެ ހަމަލާ ދީފައި ވަނީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.

ފްރެންސިސް ވިދާޅުވި ގޮތުގައި ރައިފަލް އަކުން ހަމަލާ ދިން މީހާ ވަނީ އެސަރަހައްދަށް ފުލުހުން ދިޔުމުގެ ކުރިން ފިލާފަ އެވެ. ފުލުހުން ވަނީ ހަމަލާ ދިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ މިހާރު އާއްމުކޮށްފަ އެވެ. (ސީއެންއެން)