24 Sep 2016, 10:08
ޗައިނާ އިން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެ ގައުމުގެ ސީޗުއާން ޕްރޮވިންސްގައި ބާއްވާ ޓޫރިޒަމް ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މަހު 23 އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ސީޗުއާން އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ (ސައިޓް)ގައި ބައިވެރިވެފައިވާ ކަމަށެވެ.
ޗައިނާގައި ރާއްޖެ އިން ކުރިން އާންމުކޮށް އިޝްތިހާރުކޮށްފައި ވަނީ ވެރިރަށް ބެއިޖިން އާއި ބައެއް ވިޔަފާރީގެ މަރުކަޒުތަކުގަ އެވެ. އޭގެ ތެރޭގައި ކުންމިން ފެއާ އާއި ޝެންގްޒޫ އަދި ޝަންހާއީ ފަދަ ސިޓީތަކުގައި ވަނީ އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ.
މީގެ ތިން އަހަރު ކުރިން ބާއްވަން ފެށި އެ ފެއާ އަންނަ ހޯމަ ދުވަހު އާންމުންނަށް ހުޅުވާލުމުގެ ކުރިން، ޓޫރިޒަމްގެ އެކި ކަންކަމާ ގުޅޭ ސަމިޓްތަކާއި ފޯރަމްތައް ބާއްވައި ވިޔަފާރިވެރީގެ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ސީޗުއާން ޕްރޮވިންސްގެ ލެޝަންގައި އޮންނަ އެމެއިޝަން ސިޓީގައި ބާއްވާ ފެއާގައި ބައިވެރިވަނީ ރާއްޖެ އަށް ލިބުނު ދައުވަތެއްގައި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެ ފެއާގައި މިއަހަރު ދުނިޔޭގެ 45 ގައުމެއްގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެކި ގޮތްގޮތަށް އެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރަމުން އަންނަ އިރު، ސީޗުއާން ޕްރޮވިންސްގެ ޗެންގްޑޫ އަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ މިދިޔަ ޖުލައި މަހު ސީދާ ދަތުރުތައް ވެސް ފަށައިފަ އެވެ.