ނައިޕީޑޯ (ސެޕްޓެމްބަރު 24): މިޔަންމާގެ ހެދުން ފަހާ ތަނެއްގައި ކުޑަ ދެ އަންހެން ކުއްޖަކު ފަސް އަހަރު ވަންދެން އަޅުންގެ ގޮތުގައި ގެންގުޅުނު މައްސަލައެއް ތަހުގީގު ކުރަން މިޔަންމާގެ ރައީސް ޓިން ޗޯ އިއްޔެ އަމުރު ކުރައްވައިފި އެވެ.

މިދިޔަ ހަފްތާ ތެރޭގައި އެ ދެއަންހެން ކުދިން ސަލާމަތް ކޮށްފައިވާ އިރު އެކުދިންގެ އާއިލާ އިން ބުނި ގޮތުގައި ފުލުހުން ވަނީ މީގެ ކުރިން އެމައްސަލަ ބަލަން ދެކޮޅު ހަދާފަ އެވެ.

އެ ދެ ކުދިން ސަލާމަތް ވެފައި ވަނީ ނޫސްވެރިޔަކު އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. އެކޮމިޝަނުން ވަނީ ހެދުން ފަހާ ފިހާރައިގެ ވެރިޔާގެ އާއިލާއިން ދެކުދިންނަށް 4000 ޑޮލަރު ދިނުމަށް އަމުރު ކުރުމަށް ފަހު އެމައްސަލަ ބެލުން ނިންމާލާފަ އެވެ. ނަމަވެސް އެމައްސަލައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބި، އާއްމުން ނުރުހުން ފާޅު ކުރަން ފެށުމުން ފުލުހުންނަށް ވަނީ މައްސަލާގައި ކުށްވެރިވާ މީހުން ހައްޔަރު ކުރަން މަޖުބޫރުވެފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެދެ އަންހެން ކުދިން މަސައްކަތް ކުރުމަށް އުފަން ރަށް ދޫކޮށް ޔަންގޮން އަށް ދިޔައީ އުމުރުން 11 އަހަރާއި 12 އަހަރުގަ އެވެ. ހެދުން ފަހާ ތަނުގައި އެ ކުދިން އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ މުސާރަ ލިބޭ މެއިޑުންގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އެތަނުން ވަނީ އެކުދިންނަށް މުސާރަ ދިނުން ހުއްޓާލައި، އެކުދިންގެ އާއިލާއާ ވާހަކަ ދެއްކުމާއި ގެއިން ބޭރަށް ދިޔުން މަނާކޮށްފަ އެވެ.

އަދި ދެކުދިން ބުނި ގޮތުގައި އެކުދިން އަޅުވެތި ކޮށްގެން ތިބި މީހުން ވަނީ އެކުދިންނަށް އެތައް އަނިޔާއެއްކޮށްފަ އެވެ. އެގޮތުން ކުދިންގެ ގަައިގައި ހޫނުކޮށްފައިވާ އިސްތިރި ޖެއްސުމުންނާއި ކަތުރުންނާއި ވަޅިން ހަމަލާ ދިނުމުން ލިބިފައިވާ އަނިޔާގެ ލަކުނުތައް ދެ ކުދިންގެ ހަށިގަނޑުން ފެންނަ ހުރި ކަމަށް އޭއެފްޕީގައިވެ އެވެ.

އަދި މިހާރު އުމުރުން 17 އަހަރުވެފައިވާ ކުއްޖާގެ އިނގިލިތައް އެތައް ފަހަރަކު ބިންދާލާފައި ވުމުގެ ސަބަބުން ކުއްޖާގެ އިނގިލީގެ ކަށިތަކަށް ގެއްލުންވެފައިވެ އެވެ.

ޔޫއެން އިން ލަފާ ކުރާ ގޮތުގައި މިޔަންމާގެ ފަގީރު ސަރަހައްދުތަކަށް ނިސްބަތްވާ އެއް މިލިއަން ވަރަކަށް ކުޑަ ކުދިންނަށް ވަނީ ކިޔެވުން ހުއްޓާލުމަށް ފަހު މަސައްކަތް ކުރަން މަޖުބޫރު ވެފަ އެވެ. (ބީބީސީ)