ދިވެހިރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އެނާޖީ އޮތޯރިޓީން ބުނެފި އެވެ.

އެއޮތޯރިޓީ އިން ނިންމާފައިވާ ގޮތުގައި ރާއްޖޭގައި ބޭނުންކުރުން އެންމެ ރަނގަޅީ ކަރަންޓް ކޭބަލް އަކީ ކޮޕާކޭބަލް އެވެ.

އެނާޖީ އޮތޯރިޓީން އިއްޔެ ބުނީ ރާއްޖޭގެ މާހައުލުގައި ލޮނުގެ އަސަރު މަތިވުމުގެ ސަބަބުން މިހާރު ބޭނުންކުރާ ކޮޕާ ކޭބަލްއާ އަޅާ ބަލާ އިރު އެލުމިނިއަމް ކޭބަލް މާއަވަހަށް ހަލާކުވާނެ ކަމަށެވެ. އަދި އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސް މަސައްކަތްތައް އަވަސް އަވަހަށް ކުރަންޖެހޭނެ ކަމަށް އެއޮތޯރިޓީން ބުނެ އެވެ.

"ރާއްޖޭގެ ހާލަތައް ބަލާއިރު އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސަށް ކުރަންޖެހޭ ކަންކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައި ނުހުންނަކަން ފާހަގަކުރެވޭ. ވީމާ، އެލުމިނިއަމް ކޭބަލް ބޭނުންކޮށްފައިވާ ކަރަންޓުގެ ނިޒާމުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު،" އެނާޖީ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގައި ދޭ ކަރަންޓުގެ ހިދުމަތަކީ މުދަލާއި ފުރާނައިގެ ސަލާމަތާއި ރައްކާތެރިކަން އެންމެރަނގަޅަށް ޔަގީން ކޮށްގެންދޭ ހިދުމަތެއްކަމުގައި ހެދުމަށް އެކަންކަމަށް ސަމާލުވުމަށް އެނާޖީ އޮތޯރިޓީން ހާމަކުރެ އެވެ.

ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ހާއްސަ އުސޫލްތަކަކާއި ގަވައިދުތަކެއް އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ އިރު އެކަންކަމަށް އަމަލު ނުކުރުމުގެ ސަބަބުން ދަނީ ހިތާމަވެރި ހާދިސާތައް ހިނގަމުންނެވެ. އެގޮތުން ކައިރިކައިރީގައި ކަރަންޓް ޝޯޓުވެގެން ބޮޑު އަލިފާނުގެ ހާދިސާތައް ހިނގަ އެވެ.