ހުޅުމާލޭގައި ކައިރިކައިރީގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުންދާއިރު އެކަން ހުއްޓުވުމަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ނިންމައިފި އެވެ.

ހުޅުމާލޭ ޕޮލިސް ސްޓޭޝަންއާ ހަވާލުވެ ހުންނަވާ ޗީފް އިނިސްޕެކްޓާ އަޒީމް ވަހީދު ސަން އަށް ވިދާޅުވީ ހުޅުމާލޭގައި އާންމުކޮށް ބާރަށް ދުއްވާ ކަމަށް ފާހަގަކުރެވެނީ ތިން ދިމާލެއް ކަމަށެވެ. އެއީ ނިރޮޅުމަގުން ހުޅުލެއާވީ ދިމާލާއި ފިތުރޯނު މަގުން އެސްޓީއޯ ހޮޓާ ސަރަހައްދުގެ އިތުރުން ބާބަކިޔު އޭރިއާ ހިމެނޭ މައިމަގެވެ.

އެސަރަހައްދުތަކަށާއި މުޅި އެ އަވަށަށް އަމާޒުކޮށްގެން އެކްސިޑެންޓް މަދުކުރުމަށް ސްޕީޑް ބްރޭކަރު އިތުރުކުރުމާއި ލައިޓް ޖެހުމުގެ އިތުރުން ޗެކް ޕޮއިންޓްތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އަޒީމް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގެ ތެރެއިން: ފޮޓޯ/ ޕޮލިސް

"އެއީ ބޮޑެތި އެކްސިޑެންޓް ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތައް، އެސަރަހައްދުތަކުގައި ސްޕީޑް ބްރޭކަރު ލުމަށް އެޗްޑީސީއާއި ވާހަކަ ދައްކައިގެން ކުރިއަށްދަނީ، އެގޮތުން ތަންކޮޅެއް ދުރުގައި ސްޕީޑް ބްރޭކަރު ހުރި ސަރަހައްދުތަކުގައި ސްޕީޑް ބްރޭކަރު ކައިރިކޮށްލާފައި އަލިގަދަ ކުރުމަށް ވަނީ ނިންމާފައި،" އަޒީމް ވިދާޅުވި އެވެ.

ސްޕީޑް ބްރޭކަރުގެ އިތުރުން ބަންދުދުވަސްތަކާއި ދިމާކޮށް ބެރިކޭޑް ޖަހައި އެސަރަހައްދުތައް މޮނީޓާ ކުރަމުން އަންނަ ކަމަށާއި ދެން ހުޅުމާލޭގައި ނުރައްކާ އެކްސިޑެންޓްތައް މަދުކުރެވޭނެ ކަމަށް ވެސް އަޒީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެރިކޭޑް ޖަހައިގެން މިހާރުން މިހާރަށް އެކްސިޑެންޓުތައް ހުއްޓުވުމަށް މިދަނީ މަސައްކަތް ކުރަމުން، އިރާދަކުރެއްވިއްޔާ މިރަށުގައި އެކްސިޑެންޓް ހުއްޓޭނެ،" އަޒީމް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ހޮޅިދަނޑިއަކަށް އަރާފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ދާދިފަހަކުންވެސް ހުޅުމާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގައިފަ އެވެ. ދެ އެކުވެރިން ދުއްވާލަން ނުކުމެ އުޅުމުގެ ތެރޭގައި ފަހައްތުން އައިކާރެއް ސައިކަލެއްޖައި ޖެއްސުމުން ސައިކަލު ފަހަތުގައި އިން އަންހެން ކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން ވެސް މަރުގެ އެތައް އެކްސިޑެންޓެއް އެއަވަށުގައި ހިނގާފައިވެ އެވެ.