23 Sep 2016, 23:06
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފި އެވެ.
ރައީސް ޔާމީން ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ނާއިފް ބިން އަބްދުލް އަޒީޒަށާއި، ވަލީއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާން އާލް-ސައުދަށް ވެސް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފަ އެވެ.
ރައީސް ޔާމީން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ގައުމީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާ، އުފާވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ އަހުވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމުގައި ވިދާޅުވެ، މުޅި އިސްލާމީ އުއްމަތާއި ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ދެގައުމުން ވެސް ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.