23 Sep 2016, 22:31
ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ހިމަނައި އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސީމެގުން ރާއްޖެއަށް ދީފި އެވެ.
ސީމެގުން މިއަދު ބޭއްވި އެ ގުރޫމުގެ 49 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.
މީގެ ކުރިން މި އަހަރުގެ ފެބުރުއަރީ މަހުގެ މާޗު މަހުގައި ބޭއްވި ބައްދަލުވުމުގައި ވެސް ސީމެގުން ވަނީ ރާއްޖެ އަށް އިސްލާހު ކުރަން ހަ ދާއިރާއަކުން ކަންތައްތަކެއް ހުށަހަޅައިފަ އެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރުން އެއްބަސްވެ ވަޑައިގެންނެވީ ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ 2017ގެ ބައްދަލުވުމުގައި ގޮތެއް ނިންމައި ދިނުމަށެވެ. އޭގެ ތެރޭގައި ސީމެގުން ރާއްޖޭގެ ސަސްޕެންޑު ކުރުން ވެސް ހިމެނެ އެވެ.
ސީމެގުން މިއަދު ބޭއްވި ބައްދަލުވުމުގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް އިސްލާހު ކުރުމަށް އިދިކޮޅު ފަރާތްތަކާ އެކު ކުރިއަށް ގެންދިއުމަށް އެދުނު މަޝްވަރާތައް ކުރިއަށް ނުދާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި ސަރުކާރާ އެކު މަޝްވަރާތަކުގައި ބައިވެރިވުމަށް ސީމެގުން ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ގޮވާލައިފަ އެވެ. އަދި 2018 ވަނަ އަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭނުންވާނެ ނަމަ މަޝްވަރާތައް މުހިންމު ކަމަށް ސީމެގުންވަނީ ފާހަގަކޮށްފަ އެވެ.
ސީމެގުގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އަށް ދިމާވާ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭން ކަމަށާއި ރާއްޖެއަށް އިސްލާހުވުމަށް އެހީވުމުގައި ކޮމަންވެލް އޮންނާނެ ކަމަށެވެ.
ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެ ގުރޫޕުން ބާއްވާ ބައްދަލުވުންތަކުގައި ރާއްޖެއަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންތައް:
ސަރުކާރުން އިސްވެ ޕާޓީ މަޝްވަރާތައް ފެށުން
- ސިޔާސީ ލީޑަރުން މިނިވަންކުރުން
- ސިޔާސީ ލީޑަރުންގެ ޝަރީއަތް ކުރިއަށް ދިޔަ އިޖުރާއަތްތަކާމެދު ހުރި ކަންބޮޑުވުންތަކަށް އިޖާބަދިނުން
- ހިޔާލުފާޅު ކުރުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ބޭނުން ނުކުރުން
- ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮމަންވެލްތުން ކުރިން ހުށަހަޅާފައިވާ ކަންތައްތަކަށް އަލުން ރިއާޔަތްކުރުން
- ސިވިލް ސޮސައިޓީތަކުގެ މިނިވަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން