23 Sep 2016, 22:08
މަޝްހޫރު ލަވަ ކިޔުންތެރިޔާ އީމް ނިޒާމް ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންގެ ހަވީރެއް ބާއްވައި އެހިޔާގައި ތިބިި ކުދިންނަށް ހިނިތުންވުމެއް ގެނެސްދީފި އެވެ.
"އަ ޓުރިބިއުޓް ޓު ކުޑަކުދިންގެ ހިޔާގެ" ނަމުގައި މިއަދު ހަވީރު ކުޑަކުދިންގެ ހިޔާގައި ބޭއްވި ހަވީރުގައި އެކި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެ ގޮތުން އެ ހިޔާގައި ތިބި ކުދިންނާ އީމް ބައްދަލުކުރައްވައި ހަދިޔާ ދެއްވާފައިވާ އިރު މިއުޒިކްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކުޑަކުދިންގެ ހިޔާގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް --
އީމް 'ސަން' އަށް ވިދާޅުވީ އެފަދަ ހަރަކާތެއް ބޭއްވުމަކީ ވަރަށް ކުރިންސުރެ ވެސް އޭނާގެ ހުވަފެނެއް ކަމަށާއި މިއަދު އެ ހުވަފެން ހަގީގަތަކަށް ވެފައިވާ ކަމަށެވެ.
"ކުޑަ އިރުއްސުރެ ވެސް އީމްގެ ޑްރީމެއް ކުޑަކުދިންގެ ހިޔާއަށް، ނިކަމެތިންނަށް އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަކީ. މިއަދު އެ ހުވަފެން މިވަނީ ހަގީގަތަކަށްވެފައި،" އީމް ވިދާޅުވި އެވެ.
އީމް ވިދާޅުވީ އެ ހަރަކާތް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނަށް ހިނިތުންވުމެއް ގެނެސްދީ އެކުދިން ހެއްވާލުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑު ޗެރިޓީ އަކީ ކުޑަކުދިންނަށް ހިނިތުންވުން ގެނެސް ދިނުން،" އީމް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގައި ހަވީރެއް ބޭއްވީ އީމްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ހޭންޑް މޭޑް ބައި އީމް" އިން ހެދި ސްކާފް ވިއްކައިގެން.
އީމް އެންމެ ފުރަތަމަ އެފަދަ ހަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރީ އަލްބަމް ހަދައިގެން އެ ވިއްކައިގެން ލިބޭ އެއްޗަކުންނެވެ. ނަމަވެސް ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަރުގެ ސޭލްސްއެއް ނުހެދުނު ކަމަށް އީމް ވިދާޅުވެ އެވެ.
މިއަދު ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ އީމްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ހޭންޑް މޭޑް ބައި އީމް ނިޒާމް" އިން ހެދި ސްކާފް ވިއްކައިގެންނެވެ.
އީމް ވިދާޅުވީ އެ ސްކާފްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ހާއްސަކޮށް ސަން ފައުންޑޭޝަނުން ވަރަށް ބޮޑު އެހީތެރި ކަމެއް ވެދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެމްޕްރެސް މޯލްޑިވްސް އާއި ބްރިލިއަންޓް ޓްރޭޑިން އަދި ފްރީ ފޮލްކްސް އިން ވެދެއްވި އެހީތެރިކަން އީމް ފާހަގަ ކުރެއްވި އެވެ.
އީމް ވިދާޅުވީ އަންނަ އަހަރު މިއަދު ބޭއްވި ހަރަކާތަށްވުރެ ބޮޑު އަދި ފުރިހަމަކޮށް ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.