މިހާރު އޮންލައިން ވޯޓިންއަށް ހުޅުވާލާފައިވާ ސައުތު އޭޝިއާ ރީޖަންގައި ދެމުން އަންނަ، ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮސްޕިޓަލިޓީ ބްރޭންޑްތައް ނޮމިނޭޓްކޮށްފި އެވެ.

ދުނިޔޭގެ މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައި މަގުބޫލު ރިސޯޓުތައް ވެސް ނޮމިނޭޓްކުރި ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އަދާރަން ރިސޯޓްސް، އެމާޔާ ރިސޯޓްސް، އަމިއްލަ ފުށި، ބަނިޔަން ޓްރީ، ކޮންރެޑް، ދަ ސަން ސިޔާމް، ސަން އަކުއާ، ދުސިތާނީ، ޖުމެއިރާ ފަދަ މަޝްހޫރު ރިސޯޓުތައް ހިމެނެ އެެވެ.

ޖުމްލަ 40 ބްރޭންޑެއް ނޮމިނޭޓްކޮށްފައިވާއިރު ކޮންމެ ބްރޭންޑަކުން ވެސް އެތައް ބައިވަރު ރިސޯޓުތަކެއް ނޮމިނޭޓް ކޮށްފައިވާ ކަމަށް އެވާޑް އިންތިޒާމު ކުރާ ހައިރައިސްއިން މައުލޫމާތު ދެ އެވެ. އެގޮތުން ސަޓާ އެވޯޑުގައި ޖުމްލަ 273 ނޮމިނީއެއް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ސަޓާ އެވޯޑްގެއޮންލައިންކޮށް ވޯޓުދޭންް ހުޅުވާލީ އޮގަސްޓު 20 ވަނަ ދުވަހު އެވެ. ވޯޓިން ނިމޭނީ އޮކްޓޫބަރު ފަސްވަަ ދުވަހު އެވެ. ހައިރައިސް އިން ބުނީ މިހާތަނަށް ސަޓާއަށް ލައްކައަކަށްވުރެ ގިނަ އޮންލައިން ވޯޓިންގް ލިބިފައިވާ ކަމަށެވެ.

އެ އެވޯޑަކީ އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމްކުރާ އެވޯޑެކެވެ.

ސަޓާ އެވޯޑުގައި 10 ސެގްމަންޓަކުން 39 ކެޓަގަރީ އަކުން އެވޯޑް ދޭން ވަނީ ނިންމާފަ އެވެ.

ސަޓާ އެވޯޑުގެ ވިޒިޓާސް ޗޮއިސްގެ ނުވަ ކެޓަގަރީން އަށް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ އިރު، ރާއްޖެ ނޮމިނޭޓް ވެފައިނުވަނީ ހަމައެކަނި ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަން ބައިންނެވެ.

ސަޓާ އެވޯޑުގެ ސެލްފް ނޮމިނޭޓެޑް ކެޓަގަރީގައި ހިމެނޭ 30 ކެޓަގަރީ އަކުން ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓްވެފަ އެވެ.

އެގޮތުން ލީޑިން ލިވަބޯޑް ބްރޭންޑާއި ލީޑިން ލިވަބޯޑާއި ލީޑިން ޑައިވް ހޮޓެލް/ ރިސޯޓްގެ އިތުރުން ލީޑިން އިކޯ ރިސޯޓް/ ހޮޓެލް އަދި ލީޑިން ސާފް ހޮޓެލް/ ރިސޯޓް ކެޓަގަރީ އަށް ނޮމިނޭޓް ވެފައި ވަނީ ރާއްޖޭގެ ފަރާތްތަކުންނެވެ.

މިއަހަރު ބާއްވަން ހަމަޖެހިފައިވާ ސަޓާ އެވޯޑު ބާއްވާނީ ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސްއާ ގުޅިގެންނެވެ.

މީގެ އިތުރުން، ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އަދި އިންޑިއާ ކޮންފެޑެރޭޝަން އޮފް އެކްރެޑިޓެޓް ޓުއާ އޮޕަރޭޓާސް (ސަޓޯ) ބައިވެރިވެ އެވެ.

އޮންލައިންކޮށް ވޯޓް ދޭން ހުޅުވާލާފައި ވަނީ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2016ވެބްސައިޓުގައެވެ.