ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު އަދީލް ޖަލީލު ވަކިކޮށްފައި ވަނީ، ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށްވާނަމަ، އެ މަގާމު އޭނާއަށް އަނބުރާ ލިބޭނޭ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ "ފީފާ" އިން ބުނެފިއެވެ.

ފީފާއިން އަންނަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު ވަކިކުރި މައްސަލަ ބަލަމުންނެވެ.

މިމަހުގެ 18 ވަނަ ދުވަހު، އެފްއޭއެމްގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް)، ބައްސާމަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، "ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި އަދާކުރަމުންދާ ޒިންމާތަކާއި، ވާޖިބުތަކުން މިއަދު (18 ސެޕްޓެމްބަރު 2018) އިން ފެށިގެން ވަކިކުރެވިފައިވާ ވާހަކަ ދަންނަވަން" ކަމަށެވެ. ބައްސާމު މަގާމުން ވަކިކުރި ސަބަބެއް އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތުމާ ސަމޫރާ ސޮއިކުރައްވައި އެފްއޭއެމްގެ ރައީސަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގައި ވާގޮތުން ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަ ފަރާތެއް އެ މަގާމުން ވަކުކުރެވޭނީ، އެކްސްކޯއަށް ހުށަހަޅައިގެން ކަމަށެވެ.

އެގޮތުން ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކުރާން ބޭނުންވާނަމަ އެ މައްސަލަ އެފްއޭއެމްގެ ރައީސް، އެ ޖަމިއްޔާގެ އެކްސްކޯއަށް ހުށަހެޅުމުން ގަވާއިދުގައިވާ ގޮތުގެމަތީން އެކަން ކުރިއަށް ގެންދާނީ އެކްސްކޯއިން ކަމަށް ފީފާއިން ވަނީ ބުނެފައެވެ. އަދި އެކްސްކޯގެ އެ ބައްދަލުމުގެ ޔައުމިއްޔާ، ފީފާއަށް ފޮނުވުމަށްވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެފްއޭއެމްގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

"ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކުކުރުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ފޮނުއްވައިދިނުމަށް ދަންނަވަން. އަދި ގަވާއިދުގައިވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްފައި ނުވާނަމަ، ކުރީގެ ޖެނެރަލް ސެކްރެޓަރީއަށް އޭނާގެ މަގާމާއި މަސްއޫލިއްޔަތުތައް އަނބުރާ ލިބެނެޖެހޭނެ،" ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސަށް އަންގާފައިވެއެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އެ ޖަމިއްޔާގެ އެކްސްކޯ އަލުން އިންތިޚާބުކުރުމަށް ވެސް ފީފާއިން ވަނީ އަންގައިފައެވެ. އަދި އެ ޖަމިއްޔާއިން އަންގާފައިވާ ގޮތުގެ މަތީން، ގަވާއިދާއެއްގޮތަށް އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން ކުރިއަށް ދޭތޯ، ފީފާއާއި އޭއެފްސީން ވަރަށް ގާތުން ކަންކަން ބަލަމުން ގެންދާނޭ ކަމަށްވެސް އަންގާފައިވެއެވެ.

އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވީ، ޖެނެރަލް ސެކްރެޓެރީގެ މަގާމުން ބައްސާމު ވަކިކުރީ، އެކްސްކޯއާ އެއްވެސް މަޝްވަރާކުރުމެއް ނެތި، ޠާރިޤު އަމިއްލައަށް ނިންމަވައިގެން ކަމަށާއި، އެފަދަ ބަސްނުވިކޭ މަގާމެއްގައި ތިބުމަށްވުރެ އިސްތިއުފާ ދިނުން ރަނގަޅުކަމަށް ފެންނާތީ ކަމަށް ބުނެއެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގައި ވާގޮތުން މިފަދަ އިންތިހާބެއް ބާއްވަން ޖެހޭނީ އެފްއޭއެމްގައި އެކުލަވާލާފައިވާ އިމަޖެންސީ ކޮމިޓީންނެވެ. އަދި އެ ކޮމިޓީގެ ކޯރަމް ނެތްނަމަ އިންތިހާބު ބާއްވަން ޖެހޭނީ ޖެނެރަލް ސެކްރެޓަރީގެ ބެލުމުގެ ދަށުންނެވެ.

ބައްސާމު މަގާމުން ވަކިކޮށްފައި ވަނީ، ގަވައިދުގައިވާ ގޮތުގެ މަތީން ނޫންކަމަށް ވާނަމަ، އެފްއޭއެމްގެ އިންތިޚާބެއް އަލުން ބޭއްވުމަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކުރިއަށް ގެންދާނީ އޭނާގެ ބެލުމުގެ ދަށުން އެކުލަވައިލެވޭ އިންތިޚާބީ ކޮމިޓީއަކުންނެވެ.