23 Sep 2016, 19:43
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރަކު އިސްތިއުފާދިނުމާ ގުޅިގެން އެ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާނެ ގޮތެއް ނެތުމުން އަލުން އެކްސްކޯ އިންތިހާބު ކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އެފްއޭއެމަަށް އަންގައިފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބައްސާމު އަދީލް ޖަލީލު އެ މަގާމުން ވަކިކުރުމާއި، އެކްސްކޯގެ ފަސް މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން، ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތުމާ ސަމޫރާ ސޮއިކުރައްވައި އެފްއޭއެމްގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް) އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ފަސްމެންބަރަކު އެ ކޮމިޓީން އިސްތިއުފާދެއްވިކަން އަންގައި ސެޕްޓެމްބަރު 19 ވަނަ ދުވަހު، ފީފާއަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެފްއޭއެމްގެ އެކްސްކޯ އިން އިސްތިއުފާ ދެއްވި ފަސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެކްސްކޯގެ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދީފި ނަމަ އެކްސްކޯގެ ކޯރަމް ހަމަނުވާނެ ކަމަށާއި އެހެންކަމުން އަލުން އިންތިހާބު ބާއްވަން ޖެހޭ ކަމަށް ފީފާގެ އެ ސިޓީގައި ބުނެފައިވެއެވެ. އެގޮތުން އެގްޒެކެޓިވް ކޮމިީގެ ގާނޫނީ އަދަދު ހަމަ ނުވާތީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ފީފާއިން ވަނީ އެފްއޭއެމަަށް އަންގައިފައެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން އިންތިހާބެއް ބާއްވަން ޖެހެނީ އިމަޖެންސީ ކޮމިޓީއަކުންނެވެ. އަދި އެ ކޮމިޓީގެ ވެސް ކޯރަމް ނެތްނަމަ އިންތިހާބު ބާއްވަން ޖެހޭނީ ޖެނެރަލް ސެކްރެޓަރީގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް އެފްއޭއެމްގެ ރައީސް ޠާރިޤު ވަނީ، މިމަހުގެ 18 ވަނަ ދުވަހު، ކުރީން ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބައްސާމް އެމަގާމުން ވަކިކުރައްވައިފައެވެ. އެހެންކަމުން އެމަގާމުގެ ޒިންމާ ނަގާނޭ ފަރާތެއްވެސް އެފްއޭއެމްގައި މިވަގުތު ނެތެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ފަހު އެކްސްކޯ މެންބަރުންނާއި އެކު އަހްމަދު ޠާރިޤު (ޓޮމް) --- ސަން ފައިލް ފޮޓޯ
ފީފާއިން އަންނަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު ވަކިކުރި މައްސަލަ ބަލަމުންނެވެ. އަދި ބުނެފައި ވަނީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގައި ވާގޮތުން ޖެނެރަލް ސެކްރެޓަރީއަކު މަގާމުން ވަކިކުރުމަކީ، ރައީސް ހުށަހަޅުއްވައިގެން އެކްސްކޯއިން ނިންމާ ނިންމުމެއް ކަމަށެވެ. އެހެން ކަމުން އެމައްސަލަ ހިނގާފައިވަނީ ގަވާއިދާ އެއްގޮތަށް ނޫންކަމަށް ވާނަމަ، ބައްސާމަށް އެމަގާމު އަނބުރާ ލިބޭނޭ ކަމަށްވެސް ފީފާއިން ޠާރިގަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވީ، ޖެނެރަލް ސެކްރެޓެރީގެ މަގާމުން ބައްސާމު ވަކިކުރީ، އެކްސްކޯއާ އެއްވެސް މަޝްވަރާކުރުމެއް ނެތި، ތާރިގު އަމިއްލައަށް ނިންމަވައިގެން ކަމަށާއި، އެފަދަ ބަސްނުވިކޭ މަގާމެއްގައި ތިބުމަށްވުރެ އިސްތިއުފާ ދިނުން ރަނގަޅުކަމަށް ފެންނާތީ ކަމަށް ބުނެއެވެ.
ފީފާއިން އިތުރަށް ބުނީ، އެ ޖަމިއްޔާއިން އަންގާފައިވާ ގޮތުގެ މަތީން، ގަވާއިދާއެއްގޮތަށް އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން ކުރިއަށް ދޭތޯ، ފީފާއާއި އޭއެފްސީން ވަރަށް ގާތުން ކަންކަން ބަލަމުން ގެންދާނޭ ކަމަށެވެ.