05 Jun 2011, 12:33
ވެރިކަންކުރާ އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ މެންބަރުން މަދުވަމުން އަންނަކަން އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ހާމެވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މީގެ ކުރިން އެންމެ ގިނަ މެންބަރުންގެ ގޮތުގައި އޮތް ޑީއާރްޕީގެ މެންބަރުންގެ އަދަދު ވަނީ 38220 އިން 38118 ވެއްޓިފަ އެވެ. އެއީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އިލެކްޝަންސް އިން އާންމު ކުރި ޑީއާރްޕީގެ މެންބަރުންގެ ލިސްޓަށް ވުރެ 102 މެންބަރުން މަދު އަދަދެކެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ މެންބަރުންގެ އަދަދު މަދުވަމުންދާ އިރު ވެރިކަންކުރާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 46851 އިތުރުވެފަ އެވެ. އެއީ އޭޕްރީލް މަހުގެ ނިޔަލަށް އިލެކްޝަންސް އަށް ލިބިފައިވާ ފޯމްތައް ސައްހަ ކުރުމަށް ފަހު އާންމު ކޮށްފައިވާ ލިސްޓަށް 528 މެންބަރުންގެ އިތުރުކޮށްގެން ލިބުނު ކުރި އެރުމެކެވެ.
ދެ ބަޔަށް ބައިވެފައިވާ ބޮޑު އިދިކޮޅު ޕާޓީގެ މެންބަރުންގެ އަދަދު ދައްވަމުން އަންނައިރު އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ ދީނީ ހިޔާލުގެ ޕާޓީ، އަދާލަތުގެ މެންބަރުން ވެސް ވަނީ މި ވޭތުވެ ދިޔަ ދެތިން މަހެއްހާ ދުވަހުގެތޭގައި އިތުރުވެފަ އެވެ. އެގޮތުން މިހާރު އެ ޕާޓީގެ މެންބަރުން އަދަދަކީ 5821 އެވެ.
ދެން އެންމެ މެންބަރުން ގިނަ ޕާޓީ އަކީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ލީޑް ކުރައްވާ ޖުމްހޫރީ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު ވެސް ވަނީ ކުރިން އޮތް އަދަދުން 5288 މެންބަރުންނަށް ވެއްޓިފަ އެވެ.
ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްއަށް ނިސްބަތްވާ ޒެޑް ފެކްޝަންގައި މިހާރު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އުމަރު ނަސީރު ކުރިން ހުންނެވުމަށް ފަހު އުވާލަން މަސައްކަތް ކުރެއްވެވި އައިޑީޕީގެ މެންބަރުންގެ ގޮތުގައި އަދި ވެސް 3954 މެންބަރުން ތިބި ކަމަށް އިލެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެހެން ސިޔާސީ ޕާޓީތަކަކީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދަށް 3000 މެންބަރުން ހަމަވެސް ނުވާ ޕާޓީތަކެވެ. އެގޮތުން ޑރ. ހަސަން ސައީދު ރައީސަކަށް ހުންނަވާ ދިވެހި ޤައުމީ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 2477 މަދުވެފަ އެވެ. އަދި އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް ލީޑަރަކަށް ހުންނަވާ ޕީޕަލްސް އެލަޔަން (ޕީއޭ) މެންބަރުން އަދަދު ވަނީ 2934 މެންބަރުންނަށް ދަށަށްގޮސްފަ އެވެ. އަދި ޕީޕަލްސް ޕާޓީގެ މެންބަރުންގެ އަދަދު ވެސް ވަނީ 2024 މެންބަރުންނަށް ދައްވެފަ އެވެ.