ކުޅިވަރުގައި އާންމުކޮށް ފެންނަނީ ވާދަވެރިކަމާއެކު ކާމިޔާބީ ހޯދުމަށް މަސަތްކަތް ކުރާ މަންޒަރެވެ. ނަމަވެސް ދާދި ފަހުން ނިމިގެން ދިޔަ ވޯލްޑް ޓްރެއާތޮލޯންގައި ވަނީ އެ ވާދަވެރިކަން އެއް ފަރާތް ކޮށް އިންސާނިއްޔަތުގެ ރީތި ނަމޫނާ މިސާލެއް ފެނިގެން ގޮސްފައެވެ.

އިންޓަނޭޝަނަލް ޓްރެއާތޮލޯން ޔޫނިއަން އިން އިންތިޒާމް ކޮށްގެން ކޮޒްމަލް އައިލެންޑްގައި ކުރިއަށް ގެންދިޔަ ދިގު ދުވުން ފެށުމާއެކު ލީޑު ކުރަމުން ދިޔައީ އިނގިރޭސިވިލާތަށް އުފަން އުމުރުން 26 އަހަރުގެ އެލިސްޓިއާ ބްރައުންލީ އެވެ.

ނަމަވެސް ރޭސް ނިންމުމަށް 700 މީޓަރަށް ވެފައިވަނިކޮށް އޭނާ އަށް ވަނީ ސިއްހީ މައްސަލަތަކެއް ދިމާވެ ބިން މައްޗަށް ވެއްޓި އަމިއްލަ އަށް ކުރިއަށް ނުދެވޭ ވަރުވެފަ އެވެ. އިލްސްޓިއާ ބިން މައްޗަށް ވެއްޓުމުން ޖެހިގެން އައި އޭނާގެ ބޭބޭ އުމުރުން 28 އަހަރުގެ ޖޮނީ ބްރައުންލީ އަށް އެއްވަނާގައި ރޭސް ނިންމުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ދޫކޮށް ޖޮނީ ވަނީ އޭނާގެ ކޮއްކޮ އެލިސްޓިއާ ނަގައިގެން ދުވަން ފަށާފަ އެވެ.

ދެބެން އެކީ ދުވަމުން ދިޔައިރު ފަހަތުން ތިން ވަނާގައި އައި ސައުތު އެފްރިކާގެ ހެންރީ ޝޯމެން ވަނީ އެއްވަނާގައި ރޭސް ނިންމާލާފަ އެވެ. އަދި ދެ ވަނާގައި ޖޮނީ ރޭސް ނިންމުމުގެ ބަދަލުގައި ފެނިގެން ދިޔައީ ކޮއްކޮ އެލްސްޓިއާ އަށް އެ ފުރުސަތު ދިން ހިތްގައިމު މަންޒަރެވެ.

އެ މަންޒަރު ދައްކުވައި ދޭ ވީޑިއޯ ސޯޝަލް މީޑީއާގައި ދަރުވަމުންދާ އިރު 40 މިލިއަނަށް ވުރެން ގިނަ މީހުން ވަނީ އެ ވީޑިއާ ބަލާފަ އެވެ. އަދި އެ މަންޒަރަކީ މީގެ ކުރިން ދުވަހަކު ވެސް ކުޅިވަރުގެ މައިދާނުގައި ނުފެންނަވަރުގެ އިންސާނިއްޔަތުކަން ދައްކުވައި ދޭ ކަމެއް ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ.

"ކުޅިވަރުގައި ވެސް ވާދަވެރިކަން އޮންނާނެވެ. ނަމަވެސް އެއަށް ވުރެން ބޮޑަށް ވަފާތެރިކަމާއި އިންސާނިއްޔަތު ކަމަށް ލޯބިކުރަން ވާނެ،" ތިން ވަނާގައި ރޭސް ނިންމި ޖޯނީ ބުންޏެވެ.