23 Sep 2016, 15:15
ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ހަރަދުތައް ކުރުން ހުއްޓާލުމަށާއި ބައެއް ކަންކަން ނުކުރުމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަންގަވައިފި އެވެ.
މިނިސްޓަރު ސޮއިކުރައްވައި އާންމު ކުރެއްވި ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި ބެޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް ބައެއް ހަރަދުތައް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދު ކުޑަ ކުރުމަށް ވެސް ސާކިއުލާގައި ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އާ މަގާމެއް ނުއުފެއްދުމާއި މަގާމަކަށް މުވައްޒަފުން ހޯދާ ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް ވަނީ އަންގައިފަ އެވެ.
އޭގެ އިތުރުން މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށާއި އަލަށް އެއްވެސް އެލަވަންސެއް މުވައްޒަފުންނަށް ދޭން ނުފެށުމަށް ވެސް ވަނީ އަންގައިފަ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރާ ދަތުރުތައް މަދުކުރުމަށް ވެސް ފިނޭންސް މިނިސްޓަރު ވަނީ އަންގަވައިފަ އެވެ. އެގޮތުން ރާއްޖޭން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ރާއްޖޭން ބޭރަށް ދަތުރުކުރި ނަމަވެސް ވަޒީރުން ފެންވަރުގެ ބޭފުޅުންނާއި އެއަށް ވުރެ މަތީ ފެންވަރުގެ ބޭފުޅުން ފިޔަވައި އެހެން މުވައްޒަފުން އިކޮނޮމީ ކްލާހުގައި ދަތުރުކުރުމަށް ސާކިއުލާގައި އަންގާފައިވެ އެވެ.
އަތޮޅުތަކަށް ރަސްމީ ދަތުރުތަކެއް ކުރި ނަމަވެސް ވަޒީރުން ފެންވަރުގެ ބޭފުޅުންނާއި އެއަށް ވުރެ މަތީ ފެންވަރުގެ ބޭފުޅުން ފިޔަވައި އެހެން މުވައްޒަފުން ފެރީގެ ނިޒާމު ބޭނުންކޮށްގެން ދަތުރުކުުރުމަށް ވެސް ވަނީ އަންގަވައިފަ އެވެ.
މީގެ އިތުރުން ސަރުކާރުގެ ބަޖެޓުން ތަނެއް މަރާމާތު ކުރާ ނަމަ ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ނޫނީ ނުކުރުމަށާއި އަދި މަރާމާތެއް ކުރިޔަސް 15،000 ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ހަރަދުވާ ނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ވަނީ އަންގާފަ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ޑިއުޓީކުރާ އޮފީސްތައް ފިޔަވައި އެހެންތަންތަން ލަސްވެގެން މެންދުރު ފަހު 2:30 ގެ ކުރިން ބަންދުކުރުމަށް ވަނީ އަންގާފަ އެވެ. އެގޮތަށް އަންގާފައި ވަނީ އިތުރު ގަޑީގެ މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމަށެވެ.
ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފިޔަވައި އެހެން މުނާސަބަތެއް ފާހަގަކުރާ ނަމަ ހުއްދަ ހޯދުމަށް ވެސް ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ދައުލަތުގެ ހުރިހާ އޮފީސްތަކުން ވެސް އެ ސާކިއުލާގައި ވާ ގޮތަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ.