23 Sep 2016, 14:45
ލިވަޕޫލްގެ ކޯޗުކަށް އަންނަން ހޯޒޭ މޯރީނިއޯ ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި އެ މަގާމް ހޯދަން އުޅެ ނިލިބުމުން އެކަމާ ނުތަނަވަސްވިކަމަށް ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޑޭނީ މާފީ ބުނެފި އެވެ.
ލިވަޕޫލްއާ އެކު ހަތް ސީޒަން ކުޅެފައިވާ މާފީ ބުނީ 2004 ވަނަ އަހަރުގެ ޖޫން މަހު ލިވަޕޫލްގެ ކޯޗު ކަމަށް ގެންނަށް ސޯޓް ލިސްޓް ކުރި ކޯޗުންގެ ތެރޭގައި ޕޯޗުގަލްގެ މޮރީނިއޯ ހިމެނުނު ކަމަށާއި އޭނާ އެ މަގާމަށް ހުށަހެޅީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.
"މޮރީނިއޯ ހުރީ ލިވަޕޫލްގެ ކޯޗުކަން އެދުވަސްވަރު ވަރަށް ބޭނުންވެފައި. ނަމަވެސް ލިވަޕޫލް އިން ކޯޗެއް ނެގުމުގައި ބޮޑަ އިސްކަން ދިނީ ތަޖުރިބާ ހުރި ކާމިޔާބު ކޯޗަކަށް. އެ ދުވަސްވަރު މޮރީނިއޯ އަކީ އެހާ މަސްހޫރު ކާމިޔާބު ކޯޗެއް ވެސް ނޫން،" މާފީ ބުންޏެވެ.
އޭނާ ބުނީ މޮރީނިއޯގެ ބަދަލުގައި ލިވަޕޫލްގެ ކޯޗުކަމަށް ގެންނަން އޭރުގެ މެނޭޖްމަންޓުން ނިންމީ ރަފޭލް ބެނިޓޭޒް ކަމަށާއި ސަބަބަކީ ބެނިޓޭޒް ވަނީ އެއަހަރުގެ ކުރީ އަހަރު ސްޕެއިންގެ ވެލެންސިއާއަށް ކޯޗު ކޮށްދީ އެ ކުލަބާ އެކު ލަލީގާ އާއި ޔުއެފާ ކަޕް ވެސް ކާމިޔާބް ކޮށްފައި ކަމަށެވެ.
ބެނިޓޭޒް 2004 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހު ލިވަޕޫލްގެ ކޯޗު ކަމާއި ހަވަލުވެފައިވާ އިރު އޭނާ ވަނީ 2010 ވަނަ އަހަރުގެ ޖޫން 3 ވަނަ ދުވަހާއި ހަމައަށް އެމަގާމްގައި ހުރެފަ އެވެ.
ބެނިޓޭޒްއާ އެކު މޮރީނިއޯ ވެސް 2004 ވަނަ އަހަރު އިނގިރޭސި ލީގަށް އައިސްފައިވާ އިރު އެ އައަހަރު މޮރީނިއޯ ހުރީ ޗެލްސީގެ ކޯޗު ކަމުގަ އެވެ. މޮރީނިއޯ ޗެލްސީ ދޫކޮށްލީ 2007 ވަނަ އަހަރު އެވެ. ނަމަވެސް އިންޓާ މިލާން އާއި ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިނުމަށް ފަހު 2013 ވަނަ އަހަރު މޮރީނިއޯ ވަނީ ދެވަނަ ފަހަރަށް ޗެލްސީގެ ކޯޗުކަމަށް ގެނަސްފަ އެވެ.