23 Sep 2016, 09:53
ސީރިއާ ކުޑަކުދިންގެ ހާލު މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިން، ފަސް އަހަރުގެ އުމްރާން ދަގްނީޝް އަށް ރައްކާތެރި ގެއެއް ހޯދައިދީ އާއިލާގެ މެމްބަރަކަށް ހަދަން ބޭނުންވާ ކުއްޖަކު، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އަސަރުގަދަ ސިޓީއެއް ފޮނުވައިފި އެވެ.
ނިއު ޔޯކުގައި ދިރިއުޅޭ އެލެކްސް ނަމަކަށް ކިޔާ ހަ އަހަރުގެ ކުއްޖަކު އޮބާމާއަށް އަސަރުގަދަ ސިޓީއެއް އަމިއްލައަށް ލިޔެ ފޮނުވާފައިވަނީ، މުޅި ދުނިޔެ ސިއްސުވާލި ލެއާއި ހިރަފުހުން ތައްތެޅިފައި އިން އުމްރާންގެ ފޮޓޯ ފެނިގެންނެވެ.

އުމްރާންއަށް އެހީވާން ބޭނުންވާ ހަ އަހަރުގެ އެލެކްސް: އެކުއްޖާ ބުނާގޮތުން އުމްރާން ހަނދަނީ އާނާގެ ކޮއްކޮއަކަށް ---
ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސީރިއަސްކަން ދުނިޔެއަށް ދައްކައިދިން އުމްރާންގެ ފޮޓޯތައް ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ފޮޓޯގައި އޭނާ ޒަޚަމްވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސްގެ ގޮޑިއެއްގައި އިން މަންޒަރު ފެނެއެވެ.
އޮބާމާއަށް ކުޑަ އެލެކްސް ލިޔުނު ސިޓީގައި އުމްރާން ހޯދުމަށްފަހު އޭނާގެ ގެއަށް ގެނެސްދިނުމަށް އޮބާމާގެ އަރިހުން އެދިފައިވެ އެވެ. އަދި އުމްރާން ގޮވައިގެން އައުމުން ފުއްޕާހަމާއި މާބޮނޑިއާއި ދިދަތަކާއެކު މަރުހަބާ ކިޔާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"އަޅުނގަޑުމެން އެކުއްޖާއަށް އާއިލާއެއް ހޯދައިދޭނަން އަދި އޭނާ ވާނީ އަޅުނގަޑުގެ ކޮއްކޮއަކަށް،" އެލެކްސް ލިޔުނު ސިޓީގައި ބުނެފައިވެ އެވެ.

އެލެކްސް އޮބާމާއަށް ލިޔެ ފޮނުވި ސިޓީ ---
އެލެކްސްގެ ސިޓީގައި އޭނާގެ ކުލާހުގައި ކިޔަވަމުންދާ އުމަރު ނަމަކަށް ކިޔާ ސީރިއާ ކުއްޖަކާ އުމްރާން ބައްދަލުކޮށް ރަހުމަތްތެރިކޮށްދީ އެކުގައި ކުޅެ، އުމްރާން އަށް އިނގިރޭސި ދަސްކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އުމްރާންގެ ބަހުރުވަވެސް ދަސްކުރާނެ ކަމަށް ބުނެފައިވެ އެވެ.
"އޭނާ އަންނާނީ ކުޅޭ އެއްޗެހި ނުލާ ކަމަށްވާތީ އަދި ކުޅޭ އެއްޗެހި އަތުގައި ނުހުންނާނެތީ އަޅުނގަޑުގެ ކޮއްކޮ ކެތަރީން ގެންގުޅޭ ނޫކުލައިގެ ބޮޑު ބަނީއެއް ކުޅެލަން ދޭނަން. އަދި އަޅުނގަޑުގެ ބައިކް ކުޅެލަންދީ ބައިސްކަލު ދުއްވަން ދަސްކޮށްދޭނަން،" އުމްރާން އޭނާގެ ގެއަށް އައުމުން ކަންތައް ކޮށްދޭނެ ގޮތް ކިޔައިދެމުން ސިޓީގައި ބުނެފައިވެ އެވެ.
އެލެކްސްގެ އެ އަސަރުގަދަ ސިޓީގެ ތަންކޮޅެއް އޭނާ ކިޔާ ވީޑިއޯ ކްލިޕެއް ވައިޓް ހައުސްގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާއިރު، އެ ވީޑިއޯ ކޮޅު ހަތް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.
އަދި މި ހަފްތާތެރޭގައި ނިއު ޔޯކުގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ލީޑާސް ސަމިޓް އޮން ރެފިއުޖީސްގައި އޮބާމާ ވަނީ އެލެކްސްގެ ސިޓީގެ ތަންކޮޅެއް ދުނިޔޭގެ ލީޑަރުންނާ ހިއްސާކުރައްވާފަ އެވެ. އަދި ވިދާޅުވީ، އެލެކްސްގެ ފަރާތުން އެތައް ކަމެއް ދަސްކުރެވިދާނެ ކަމަށެވެ.