ސާރިދޯޅާއި ހިޔަޅު ގިނަ އަދަދަކަށް އުޅޭ ރަޝިއާގެ ރަށްބޭރުގައި އޮންނަ ސައިބީރިއާގެ ޖަންގަންޔަކަށް ގެއްލުނު ތިން އަހަރުގެ ކުޑަ ކުއްޖަކު ދިރިހުއްޓާ ފެނިއްޖެ އެވެ.

އަވަށުގެ މީހުން "މޯގްލީ"ގެ ނަން ދީފައިވާ ސެރިން ޑަޕްޗުޓް ނަމަކަށް ކިޔާ އެކުއްޖާ މަގު އޮޅި ޖަންގަލި ތެރެއަށް ގެއްލުނުއިރު ޖީބުގައި އޮތީ ކުޑަ ޗޮކްލެޓެއް އެކަންޏެވެ. އަދި އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވި އެކުއްޖާ ނިދާފައިވަނީ ގަހެއްގެ މޫތަކެއްގެ މަތީގައި އެވެ.

ގެއްލުނުތާ ތިން ދުވަސް ފަހުން ފެނުނު ކުއްޖާއަކީ މާމަގެ ބެލުމުގެ ދަށުގައި ހުއްޓާ ކުޑަ ކުއްތާއެއް ފަހަތުން ދުވަނިކޮށް ގެއްލުނު ކުއްޖެކެވެ. އޭނާ ގެއްލުމާއެކު ދުވާލާއި ރޭގަނޑު އެއްގަމުންނާއި ވައިގެ މަގުން 120 ކިލޯ މީޓަރުގެ ބޮޑު ސަރަހައްދެއް ބަލައި ހޯދި އެވެ.

"ހާލަތު ވަރަށް ވެސް ނުރައްކާތެރި. ޖަންގަލި ތެރެއިން ދައުރުވާ މައިނަސް ނަމަކަށް ކިޔާ އޮއިގަދަ ފިނި ކޯރެއް އޮންނާނެ. ކުޑަކުއްޖަކު އެތަނަށް ވެއްޓުނު ނަމަ، އެއީ ހަމަ މަރު. ޖަންގަލި ތެރޭގައި ހިޔަޅާއި ސާރިދޯޅު އުޅޭ. ހަރަކާތްކުރާ ކޮންމެ އެއްޗަކަށް އެއެއްޗެހި ހަމަލާދީފާނެ،" ކުއްޖާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އެޖެންސީގެ ހެޑް އަޔަސް ސެރިގްލާ ވިދާޅުވި އެވެ.

އޭނާ ބުނިގޮތުގައި، އެ ކުއްޖާ ސަލާމަތްވީ ދުވާލުގެ ގަދަ ހޫނާއި ރޭގަނޑުގެ ދުންފިނިތަކުގެ ތެރޭގައި ކޯޓެއް ނެތި، ހަމައެކަނި ގަމީހަކާއި ބޫޓެއްގެ އެހީގައި އެވެ.

ލޯކަލް މީޑިއާއަށް އެހެން އޮފިޝަލަކު ބުނި ގޮތުގައި، ކުއްޖާ ސަލާމަތްކުރީ އޭނާގެ ބޮޑުބޭބެ، އޭނާއަށް ގޮވާ އަޑު އިވިގެންނެވެ. އަދި ސަލާމަތްކުރުމުން ފުރަތަމަ ވެސް އެހީ އޭނާ ކުޅެން ގެންގުޅޭ ކާރު ރަނގަޅުތޯ ކަމަށް މީޑިއާތަކުގައި ބުނެފައިވެ އެވެ. (ބީބީސީ)