23 Sep 2016, 01:52
ހައްދުންމަތީ މުންޑޫއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަނޑައަޅުއްވި ކަނޑައެޅުއްވުން އެމަނިކުފާނު މިރޭ ބާތިލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލް އިންތިޚާބުކުރަންޖެހޭ ރަށްރަށް ކަނޑައެޅުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ، އެހެން ރަށްރަށަށް މީހުން ބަދަލުކޮށްފައިވާ އެހެންނަމަވެސް، ޤާނޫނީ ގޮތުން މީހުން ދިރިނޫޅޭ ރަށްތައް ކަމަށް ކަނޑައަޅުއްވާފައިނުވާ ރަށްރަށުގެ މައުލޫމާތު ހޯދިއިރު، ހައްދުންމަތީ މުންޑޫއަކީ އެފަދަ ރަށެއްކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާ ބޭސްގައި ހިމެނިފައިވާކަމަށް އެ ޑިޕާޓްމަންޓުން ރައީސް އޮފީހަށް މައުލޫމާތު ދެއްވާފައިވާތީ ކަމަށެވެ.
އަދި މިފަދަ ކަންކަމުގައި ގެންގުޅޭ އިޖުރާއީ އުސޫލުތަކުގެ ތެރެއިން، މި މައުލޫމާތު ދެވަނަ ފަހަރަށް ޗެކްކުރެވުނުއިރުވެސް، ހައްދުންމަތީ މުންޑޫއަކީ، މީހުން ދިރިނޫޅޭ ރަށެއްކަމުގައި ޑީއެންއާރުން ފަހުންވެސް މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ނަމަވެސް މި ގަރާރު ނެރުއްވި ފަހުން، ލިބުނު ޝަކުވާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުގައި ދަންނަވައިގެން، އެ ޑިޕާޓްމަންޓުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތު އަލުން ޗެކްކުރިއިރު، ހައްދުންމަތީ މުންޑޫއަކީ، އެހެން ރަށްރަށަށް މީހުން ބަދަލުކޮށް ނިމިފައިވާ ރަށެއްކަމުގައި އެ ޑިޕާޓްމަންޓުގެ ޑޭޓާ ބޭސްގައި ބެލިފައިވަނީ އޮޅުމަކުން ކަމުގައި އެ ޑިޕާޓްމަންޓުން މި އޮފީހަށް މައުލޫމާތު ދެއްވުމާގުޅިގެން ހައްދުންމަތީ މުންޑޫ އަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލުކުރެއްވީ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، މައްސަލައިގައި ކަން ހިނގައިދިޔަގޮތާމެދު، އެ އޮފީހުން ހައްދުންމަތީ މުންޑޫގެ ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.
"މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތެއް ބައްލަވައި، މި ފަދަ ކަންތައްތައް ތަކުރާރު ވިޔަނުދިނުމަށްޓަކައި، މިކަމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުއްވުމަށް މިއޮފީހުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަސްޖިޓްރޭޝަންގައި ވަނީ ދަންނަވާފައި،" ރައީސް އޮފީހުން ބުންޏެވެ.
ލ. މުންޑޫގައި މީހުން ނޫޅޭ ކަމަށް ނިންމައި، ރައީސް އޮފީހަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށާއި، އެކަން އެގޮތަށް ހިނގާފައި ވާތީ އެރަށު ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވެސް މިރޭ ވަނީ ބުނެފައެވެ.
ޑިއެންއާރުން ބުނީ، ހައްދުންމަތީ މުންޑޫއަކީ މީހުން ބަދަލުކޮށް ނިމިފައިވާ ރަށެއް ކަމުގައި ބެލެވިފައި ވަނީ އޮޅުމަކުންކަން ފާހަގަކުރެވުމުން އެކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާފައި ވާނޭކަމަށާއި، އަދި މައުލޫމާތު އޮޅުވާލުމުގައި އިހްމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭކަމަށެވެ.
"މިކަން މިހެން ހިނގާފައިވާތީ، މި ޑިޕާޓްމަންޓުން މުންޑޫގެ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން. އަދި މިކަން ހިނގާފައިވާގޮތް ބަލައި، މިކަމުގައި އިހްމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭ ކަމަށާއި، އަދި މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް ކަންކަން އިންތިޒާމްކުރާނޭ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުންޏެވެ.