23 Sep 2016, 01:10
ފަޅުރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ކަނޑައެޅުއްވި ލ. މުންޑޫގައި މީހުން ނޫޅޭ ކަމަށް ނިންމައި، ރައީސް އޮފީހަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް ކަމަށާއި، އެކަން އެގޮތަށް ހިނގާފައި ވާތީ އެރަށު ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ން ބުނެފިއެވެ.
ޑީއެންއާރުން ބުނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބޭނުމަށް، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމަށްޓަކައި، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭން އެކިއެކި ސަބަބުތަކާހުރެ ފަޅުކޮށްފައިވާ، އެހެން ނަމަވެސް ގާނޫނީ ގޮތުން މީހުން ދިރިނޫޅޭ ރަށެއް ކަމުގައި ކަނޑައަޅާފައި ނުވާ ރަށްރަށުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވިއިރު، ހައްދުންމަތީ މުންޑުއަކީ، އެރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކޮށް ނިމި، މިހާރު މީހުން ދިރިނޫޅޭ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެންނެވިފައިވަނީ އޮޅުމަކުން ކަން އެނގުނީ މިއަދު އެ ޑިޕާޓްމަންޓަށް ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން އިތުރަށް ބެލިބެލުމުން ކަމަށެވެ.
"އެގޮތަށް ދެންނެވިފައި ވަނީ، މި ޑިޕާޓްމަންޓުގެ ޑޭޓާބޭސްގައި އެގޮތަށް ރެކޯޑްކުރެވިފައި ވާތީ. އަދި މިފަދަ ކަންކަމުގައި ގެންގުޅޭ އިޖުރާއީ އުސޫލުތަކުގެ ތެރޭން، ދެވަނަ ފަހަރަށް މައުލޫމާތު ޗެކްކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުނު އިރުވެސް، ހައްދުންމަތީ މުންޑޫއަކީ، މީހުން ބަދަލުކޮށް ނިމި، މިހާރު މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ވާނީ ދެންނެވިފައި." ޑީއެންއާރުން ބުންޏެވެ.
"ނަމަވެސް މުންޑޫއަކީ މީހުން ދިރިނޫޅޭ ރަށެއްކަމުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން ލިބުނު ޝަކުވާތަކާ ގުޅިގެން މި ޑިޕާޓްމަންޓުގެ ޑޭޓާބޭސްގައި ހުރި މައުލޫމާތު އަލުން ޗެކްކުރި އިރު، ހައްދުންމަތީ މުންޑޫއަކީ މީހުން ބަދަލުކޮށް ނިމިފައިވާ ރަށެއް ކަމުގައި ބެލެވިފައި ވަނީ އޮޅުމަކުންކަން ވަނީ ފާހަގަކުރެވިފައި."
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސޮއިކުރައްވައި ނެރުއްވި ގަރާރެއްގައި ވިދާޅުވެފައި ވަނީ ލ. މުންޑޫއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމުގައި ވާތީ، ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެރަށަކީ މީހުން ދިރިނޫޅޭ ރަށެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ޑިއެންއާރުން ބުނީ، ހައްދުންމަތީ މުންޑޫއަކީ މީހުން ބަދަލުކޮށް ނިމިފައިވާ ރަށެއް ކަމުގައި ބެލެވިފައި ވަނީ އޮޅުމަކުންކަން ފާހަގަކުރެވުމުން އެކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާފައި ވާނޭކަމަށާއި، އަދި މައުލޫމާތު އޮޅުވާލުމުގައި އިހްމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭކަމަށެވެ.
"މިކަން މިހެން ހިނގާފައިވާތީ، މި ޑިޕާޓްމަންޓުން މުންޑޫގެ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން. އަދި މިކަން ހިނގާފައިވާގޮތް ބަލައި، މިކަމުގައި އިހްމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭ ކަމަށާއި، އަދި މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް ކަންކަން އިންތިޒާމްކުރާނޭ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުންޏެވެ.
ދެހާސް ސާދަވަނަ އަހަރު ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި ލ. މުންޑޫގައި ދިރިއުޅެނީ 230 މީހުންނެވެ.