05 Jun 2011, 12:19
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހަސަން އާދިލްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ކުރާ "ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ" ދައުވާގެ ޝަރީއަތް، އެ މައްސަލަ ބެއްލެވުމަށް ހަމަޖެހިފައި ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ކެންސަލްވެއްޖެ އެވެ.
މިއީ އާދިލްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރި ފުރަތަމަ ފަހަރެވެ. އެކަމަކު އެ ކޯޓުން ބުނީ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައިވާ އާދިލްގެ މައްސަލަ މިއަދު ނުބޭއްވުނީ އެ މައްސަލަ ބެއްލެވުމަށް ހަމަޖެހިފައި އޮތް ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
އާދިލްގެ މައްޗަށް ޕީޖީ ދައުވާ ކުރަނީ "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު"ގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ.ގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ނ. ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ.ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ.