ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބުތައް ބޭއްވުމަށް މަގުފަހިކުރުވުމުގެ ގޮތުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދާޔޫއެންޑީޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކޮށްގެން މިމަހުގެ 20 އިން 29 އަށް ނިއުދިއްލީގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވީ ސީނިއަރ އެކައުންޓްސް އޮފިސަރ އާއިޝަތު ޝައްފާފުއާއި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަހްލާ އިސްމާއީލެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދާ ޔޫއެންޑީޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވީ، އާއިޝަތު ޝައްފާފުއާއި ޝަހްލާ އިސްމާއީލް -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަން މެނޭޖްމަންޓުގެ ޓެކްނޮލޮޖީއަށް ބަރޯސާވާ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި، ދިވެހިރާއްޖޭގެ އިންތިޚާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދާ ޔޫއެންޑީޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގެ ތެރޭން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޕްރޮގްރާމް އިންތިޒާމްކުރުމުގައި ބައިވެރިވާ، އިންޑިއާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަންސް މެނޭޖްމަންޓް (އައިއައިއައިޑީއީއެމް) އިން ބުނީ، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ، ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބުތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމާއި، ދެފުށްފެންނަ މިނިވަން އިންތިޚާބަކަށް މަގުފަހިކުރުވުން ކަަމަށެވެ.

ދިވެހިރާއްޖޭގެ އިތުރުން، ދެކުނު އޭޝިއާގެ ހަތަރު ގައުމެއްގެ އިލެކްޝަންސް ކޮމިޝަން ތަކާއި، ރަޝިއާ، ޓައިވާން، ދެކުނު ކޮރެއާ އަދި އިންޑޮނީޝިއާގެ އިލެކްޝަންސް ކޮމިޝަންތަކުން އެ ޕްރޮގްރާމުގައި ބައިވެރިވެއެވެ.