ފަތުރުވެރިން ގޮވައިގެން އަނަންތާރާ ރިސޯޓަށް ދަތުރުކުރި އެ ރިސޯޓުގެ ލޯންޗެއް މާލެ އަތޮޅު ގުޅި ކައިރި ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ، "ރެދަން" ނަމަކަށް ކިޔާ އެ ލޯންޗު ފަރަށް އެރި އިރު ލޯންޗުގައި އަށް ފަތުރުވެރިއަކާއި ހަތަރު ފަޅުވެރިން ދަތުރުކުރި ކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާ އާއި ގުޅިގެން، އަނަންތާރާ ރިސޯޓުން ފޮނުވި އިތުރު ލޯންޗެއްގެ އެހީގައި އެ ފަތުރުވެރިން މިހާރު ވަނީ ރިސޯޓަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް މިރޭ 19:50 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއި ގުޅިގެން ވަގުތުން އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އަދި ލޯންޗު ފުންކުރުމުގައި އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާއިރު، އަނަންތާރާ ރިސޯޓުން ތިން ދޯނި އެސަރަހަށްދަށް އެހީތެރިވުމަށް ވަނީ ފޮނުވާފައެވެ.