22 Sep 2016, 21:34
އިނގިރޭސީވިލާތަށް އަރުވާލެވިގެން ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ޕާސްޕޯޓް އިމިގްރޭޝަނުން މިއަދު ކެންސަލްކުރީ ސަރުކާރުން ހިންގަމުންދާ ބޮޑެތި ވައްކަންތަކާއި ފަސާދަ ހާމަކުރަމުންދާތީ، އެކަމާ ކަންބޮޑުވެ ގޮތް ހުސްވެގެން ކަމަށް އެމްޑީޕީން ބުނެފި އެވެ.
ސަރުކާރުގެ ނޭއްގާނީ އަމަލު ކުށްވެރިކޮށް އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ ކަމުގައިވާ "މޭޑޭ މުޒާހަރާ" އާ ގުޅިގެން އަލީ ވަހީދު ހައްޔަރުކުރީ ސަރުކާރުން ހިންގަމުންދާ ވައްކަންތަކާއި ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް އެހާ ގިނަ ރައްޔިތުން ނެރުމުގައި އޭނާ އަދާކުރި އިސް ދައުރުގެ ސަބަބުން ޖެހިލުންވެ، އެކަމާ ކަންބޮޑުވެގެން ކަމަށެވެ.
"ސަރުކާރުގެ މިފަދަ ނޭއްގާނީ އަދި ފިނޑި އަމަލުތަކަކީ ސަރުކާރުގެ ބޮޑެތި ވައްކަންތަކާއި ޖަރީމާތައް ބޭޒާރުކޮށް ސަރުކާރާ ދެކޮޅަށް އިދިކޮޅު ލީޑަރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފަހަތަށް ޖެއްސޭނޭ ކަމެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަލީ ވަހީދާއި އިތުރު ފަސް މީހެއްގެ ޕާސްޕޯޓް އިމިގްރޭޝަނުން މިއަދު ވަނީ ކެންސަލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި މައްސަލައިގައާއި ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހުންނެވެ.
މިހާރު ރާއްޖޭން ބޭރުގައި އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރުން ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްގެ ޕާސްޕޯޓްވެސް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ކެންސަލްކޮށްފައެވެ.
އަދި ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ އަބްދުﷲ ލުތުފީގެ ޕާސްޕޯޓްވެސް އިމިގްރޭޝަނުން ވަނީ ކެންސަލްކޮށްފައެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށާއި ތަހުގީގީ އިދާރާތަކަށް ފިލައިގެން އުޅޭ މީހުން ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ދަތުރު ކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
އެހެންކަމުން އަލީވަހީދުގެ އިތުރުން ހަތަރު މީހެއްގެ ޕާސްޕޯޓު އިމިގްރޭޝަނުން ކެންސަލް ކުރަން ނިންމައި ބޭރުގެ ފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށް ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.
މިއަދު ޕާސްޕޯޓް ކެންސަލް ކުރި 6 މީހުން
- އަލީ ވަހީދު - ހދ ކުޅުދުއްފުށި، ބަނދަރުގެ
- މުހައްމަދު އައްލާމް ލަތީފް - މ. ސެސްނާ
- އަހުމަދު އިޝްފާހު އަލީ - މ. ލޭންޑް އޮފް ގާޑަން
- މުހައްމަދު ވިޝާމް - ހއ މުރައިދޫ، ވައިޖެހޭގެ
- މުހައްމަދު ހުސައިން - ގ އޮއިވާލި
- މުހައްމަދު އަސީލް އަހުމަދު - ހ. އައިދާ
އިމިގްރޭޝަނުގެ އިއުލާނުގައި ބުނެފައިވަނީ މި ހަ މީހުންވެސް މާލެ އަންނަން ބޭނުންނަަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހަދައިދޭނެ ކަމަށެވެ.
އެ ފަރާތްތަކުގެ ޕާސްޕޯޓް ކެންސަލް ކުރިކަން ގައުމުތަކަށް އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ބުނީ އެ ހަމީހުން ގައުމުތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ދަތިތަކަށް އިމިގްރޭޝަނުން ޒިންމާ ނުނަގާނެ ކަމަށެވެ.