ހދ. ކުޅުދުއްފުށީގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ގާއިމްކުރަން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބަލަހައްޓަމުން އަންނަ އެދުރުހިޔާ އިމާރާތުގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަލީ މުހައްމަދެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބެވެ.

ނުވަހާއްސަ އަކަފޫޓުގެ ބޮޑު އެދުރުހިޔާ އިމާރާތަކީ މުހައްމަދު އަމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ކިޔަވައިދޭން ހެދި ތަނެކެވެ. ބޮޑު ހަތަރު ކުލާސްރޫމާއި އޮފީސް އިމާރާތެއް ހިމެނޭ ގޮތަށް ހުންނަ އެތަން ފަހުން ބޭނުންކުރީ އެރަށު އަމީރުއަމީރު ޕްރީ ސްކޫލް ހިންގުމަށެވެ.

ނަމަވެސް އެ ޕްރީ ސްކޫލް ފަހުން އެހެން އިމާރާތަކަށް މިއަހަރުގެ ޖަނަވަރީ މަހު ބަދަލުކުރި ފަހުން އެ އިމާރާތް ހުރީ ހުހަށެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ، ކުރިއަށް އޮތް 25 އަހަރަށް އެދުރުހިޔާ އިމާރާތުގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ތަރައްގީ ކުރުމަށް ދިނީ ބީލަމުގެ އުސޫލުން ކަމަށެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި ތިން ފަރާތަކުން ކުރިމަތިލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެދުރުހިޔާ އަކީ ގާތްގަނޑަކަށް 70 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތަނެއް. އަދި އެތަނަކީ މި ހުރިހާ ދުވަހު ވެސް ތައުލީމަށް ބޭނުންކުރި އިމާރާތެއް ކަމުން ކައުންސިލުން ބޭނުންވީ އެތަން ތައުލީމީ މަރުކަޒެއްގެ ގޮތުގައި އަދިވެސް ހުންނަން،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވިލާ ކޮލެޖުގެ ކެމްޕަހެއް އެރަށުގައި ގާއިމްކުރެވުމުން ކުޅުފުއްޓާއި ކައިރި ރަށްތަކުގެ ދަރިވަރުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަހުގައި ވެސް އެރަށުގެ ގިނަ އަދަދެއްގެ ކުދިން ކިޔަވަމުންދާތީ، އެކުދިންނަށް ވެސް ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ކުޅުދުއްފުށީގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް މިހާރު ހިންގަމުންދާއިރު، ވިލާ ކޮލެޖުގެ ކެމްޕަހެއް އެރަށުގައި ގާއިމްކުރުމުން ވާދަވެރިކަން އިތުރުވެ، ކިޔަވައިދިނުމުގެ ފެންވަރާއި ކޯސްތަކުގެ އަގު ހެޔޮވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ނަޖީބު ވިދާޅުވީ އަންނަ ޖަނަވަރީ މަހުގެ އިންޓޭކަށް އެ ތަން ތައްޔާރުކޮށް ކިޔަވައިދޭން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ތަނުގައި 200 އެއްހާ ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި ކިޔަވައިދެމުން އަންނަ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތައް ވެސް ކުޅުދުއްފުށީގައި އެއް އަގެއްގައި ކިޔަވައިދޭން ވިލާ ކޮލެޖުން ނިންމާފައިވާއިރު، ޔޫކޭ ޔުނިވާސިޓީގެ ޑިގްރީ މާސްޓާސް ކޯސްތައް ވެސް ރަށުގައި ތިބެގެން ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނަޖީބު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އަތޮޅު ކައުންސިލްގެ އިމާރާތެއްގައި ވިލާ ކޮލެޖުން މިހާރު ވެސް ދަނީ ޕޯސްޓް ގުރެޖުއޭޓް ދެ ޕްރޮގްރާމެއް ހިންގަމުންނެވެ.

ނަޖީބު ވިދާޅުވީ، ކުޅުދުއްފުށީގައި ހުޅުވާ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ވެސް، މިދިޔަ ޖުލައި މަހުގެ ކުރީކޮޅު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އެކު ވިލާ ކޮލެޖުން ހަދާފައިވާ ފައިނޭންޝަލް ޕްރޮޑަކްޓް ސްކީމުގެ ދަށުން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި ވިދާޅުވީ، ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަން ފަށާ ދަރިވަރުންނަށް ވެސް ސްކޮލޮޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވިލާ ކޮލެޖުގެ ދެ ކެމްޕަހެއް އައްޑޫގައި ގާއިމްކޮށްފައިވާއިރު، ފުވައްމުލައް، އދ. މަހިބަދޫ، ބ. އޭދަފުށި، ޅ. ނައިފަރު އަދި ށ. ފުނަދޫގައި ވެސް އެ ކޮލެޖުގެ ކެމްޕަސްތައް ގާއިމްކޮށްފައިވެ އެވެ.