އިންތިޚާބެއް ބާއްވަން މަޖުބޫރުވެފައިވާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސްކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ދިއްދޫ ލަތީ) ފާޅުކުރައްވައިފިއެވެ. ނަމަވެސް އޭނާ އެ މަގާމަށް ކުރިމަތި ލައްވާނީ މިހާރު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް) އިންތިޚާބުގައި ވާދަ ނުކުރައްވާނަމައެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ޓޮމްއާ މެދު ހިތްހަމަ ނުޖެހިގެން، އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު ކުއްލިއަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ ވަނީ އަލުން އިންތިޚާބުކުރާން ޖެހިފައެވެ. އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އެކްސްކޯގައި ހިމެނޭ މެމްބަރުންގެ ތެރެއިން 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދެއްވައިފިނަމަ އަލުން އިންތިހާބު ބާއްވަން ޖެހެ އެވެ.

އެފްއޭއެމްގެ އެކްސްކޯ އިން އިސްތިއުފާ ދެއްވި ފަސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދިއްދޫގައި ބާއްވާ ތަފާތު ކުޅިވަރު ހަރަކާތްތަކާއި ޒުވާނުންގެ ހަރަކާތްތައްވެސް ރާވައި ހިންގުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ލަތީ މިއަދު ސަންއަށް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ހަމައަކަށް އެޅުވުމުގެ ޝައުގުވެރިކަމާއި އެ ހިތްވަރު އޭނާގެ ކިބައިގައި އެބަ ހުރި ކަމަށާއި އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ، އެކަން އަމަލުން ދައްކަވާނޭ ކަމަށެވެ.

"ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައި ވާދަކުރަން އަޅުގަނޑު މިހިރީ ތައްޔާރަށް. އެކަމަކު އެއީ މިހާރުގެ ރައީސް ޓޮމް، ވާދަ ނުކުރައްވާ ނަމަ. އަދި ބާރުގަދަ ފަރާތަކުން ނުހުއްޓުވައިފި ނަމަ،" އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބެއް ބާއްވަން ޖެހިފައިވީ ނަމަވެސް، އިންތިޚާބު ބާއްވާނޭ ތާރީޚަކާއި އަދި އެ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނޭ ގޮތެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އަދި އެފްއޭއެމުން ވެސް މިހާތަނަށް ހާމައެއް ނުކުރެއެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ޓޮމް ވާހަކަ ދައްކަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

ލަތީ ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ހިންގުމުގެ ފުރުސަތު ލިބިއްޖެ ނަމަ، މިހާރު ކްލަބުތަކަށް ލިބޭ އާމްދަނީ ދެގުނައަށް ބޮޑުކުރާނޭ ކަމަށާއި އަދި އަތޮޅުތަކުގެ ކްލަބު ޖަމިއްޔާ ޖަމާއަތްތަކުން ފުޓްބޯޅަ ކުރިއެރުވުމަށް "ސަލާމްޖެހުން" ހުއްޓުވާނޭ ކަމަށެވެ.

"މިހާރު ހުރީ ހަމަ އެކަނި ތަނބުތަކެއް. އަޅުގަނޑު މިދަންނަވަނީ އެ ތަނބުތަކުގެ މައްޗަށް އިމާރާތެއް ބިނާކޮށްދޭނަމޭ. އެވިސްނުމާއި ހިތްވަރު އެބަހުއްޓޭ. ކުލަބުތަކަށް ލިބޭ އާމްދަނީ ދެގުނައަށް އިތުރުކުރާނަން އިރާދަކުރެއްވިއްޔާ. ރަށްރަށުގެ ކްލަބުތަކުން ބޯޅައެއް ގަންނަން، ދާގަނޑެއް ހޯދަން ފައިސާ ހޯދަން ސަލާމްޖަހަން ނުޖެހޭވަރު ކޮށްދޭނަން،" ލަތީ ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބަށް ޝައުގުވެރިކަން ފާޅުކުރެއްވި ފުރަތަމަ ބޭފުޅަކީވެސް ލަތީކަމަށް ވާއިރު އޭނާ ވިދާޅުވީ، އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ، ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑެތި ކްލަބުތަކުން ވެސް އޭނާއަށް އެކަމަށް ހިތްވަރު ދެއްވުމުން ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި ހިފައިގެން ފުޓްބޯޅަ ކުރިއަރުވާން ބޮޑެތި ކްލަބުތަކުން އޮތީ ތައްޔާރަށް. މިހާރުވެސް ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބުތަކުން އެކަމަށް އެބަ އެދޭ، އަދި އަތޮޅުތަކުގެ ވެސް ވަރަށް ގިނަ ޒުވާނުންގެ ޖަމިއްޔާތަކާއި ފުޓްބޯޅަ ކްލަބުތަކުން އެކަމަށް އެދެމުން ދަނީ،" ލަތީ ވިދާޅުވިއެވެ.

"އަތޮޅު ތެރޭގެ ފުޓްބޯޅައަށް ހާއްސަ ސަމާލުކަމެއްދީ، އަތޮޅު ތެރޭގެ ފުޓްބޯޅަ ތަރައްގީކޮށް އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ކުރު މުސްތަގުބަލެއްގެ ތޭރޭގައި ނަތީޖާ ނެރެދޭނަން އިރާދަކުރެއްވިއްޔާ. މީގެ އިތުރުން ރާއްޖޭގެ 16 އަހަރާއި، 19 އަހަރާއި 21 އަދި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުތަކަށް ރަނގަޅު ކުޅުންތެރީންތަކެއް ނެރެ ގައުމީ ޓީމު ވަރުގަދަކޮށްދޭނަން."