ބ.ތުޅާދޫ ބަނދަރުގެ މައްސަލައިގައި، ތުޅާދޫ ރަށު ކައުންސިލުން ނެރެފައިވާ ގަރާރު ބާތިލް ކުރުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ބަލާނެ ގާޒީއަކު ނެތި ގިނަ ދުވަސްތަކެއް ވެފައިވާތީ ރައްޔިތުންގެ ބަޔަކު ކޯޓު ދޮށަށް އެއްވެ މުޒާހަރާކޮށްފި އެވެ.

މުޒާހަރާކުރި މީހުންގެ ތެރޭގައި އިސްކޮށް ހިމެނޭ ހުސެއިން އިބްރާހިމް، ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބަނދަރު ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއިން ބަޔަކު ކޯޓު ދޮށަށް އެއްވެ މުޒާހަރާކުރަން ފެށީ ބަނދަރު މައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ގިނަ ދުވަސްތަކެއްވީރު ވެސް ކުރިއަށް ނުދާތީ ކަމަށެވެ.

"ކައުންސިލުން ފާސްކުރި ގަރާރަކީ ބާތިލް ގަރާރެއް ކަމަށް ކޯޓަށް ހުށަހަޅައިގެން 11 ދުވަސް ވީއިރު ވެސް ގާޒީއަކު ނުވަތަ ފަނޑިޔާރަކު ކޯޓަށް ވަޑައެއްނުގަތް. އަދި އެ މައްސަލައިގައި ރަށު ކައުންސިލުން ޖަވާބުދޭނެ މީހަކު ހަމައެއް ނުޖައްސާ. އެހެންވީމަ އަޅުގަނޑުމެން ކޯޓު ދޮށަށް އެއްވީ،" ހުސެއިން އިބްރާހިމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ކޯޓުދޮށުގައި މުޒާހަރާކުރުން، މެޖިސްޓްރޭޓެއް ހަމަޖައްސައިފި ކަމަށް ކޯޓުން ދިން ޔަގީންކަން ދީފައިވާ ކަމަށާއި އޭގެ ފަހުން ފުލުހުންގެ ލަފައާއެކު ކޯޓު ސަރަހައްދު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޯޓުން ކުރިއަށް ގެންދޭތޯ ދެ ދުވަސް ބެލުމަށްފަހު އަލުން ކޯޓު ކައިރިއަށް އެއްވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

" ދަރަވަންދޫގައި ހުންނަވާ މެޖިސްޓްރޭޓަރު ތުޅާދޫ ކޯޓަށް ހަމަޖައްސަވާނެ ކަމަށް ބ. އޭދަފުށީގައި ހުންނެވި މި ސަރަހައްދުގެ އިސް މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް އަޅުގަނޑު މެންނަށް ޔަގީންކަން ދެއްވީމަ މިހާރު ކޯޓު ސަރަހައްދު ދޫކޮށް މިތިބީ އަނެއްކާވެސް ބަނދަރު ސަރަހައްދުގައި. ރައީސް ނަޝީދު ވިދާޅުވަނީ ކޯޓެއް ހުރުމަކުންނެއް ރައްޔިތުންނަށް ފައިދާއެއް ނުކު ރާނެއޭ. ފައިދާ ކުރާނީ އެ ކޯޓަކަށް ރައްޔިތު މީހާ ހުށަހަޅާ މައްސަލައެއް ހިނގައިގެނޭ. އެހެންކަމުން ދެ ދުވަސް ބަލައިފަ މައްސަލަ ނުހިނގަންޏާ ކޯޓުގައި ބޮޑުތަޅު އަޅުވަން ވެސް ޖެހިދާނެ،" އޭނާ ބުންޏެވެ.

އޭނާ އަދި ބުނީ ބަނދަރު ސަރަހައްދުގައި އިހްތިޖާޖުގެ މަސައްކަތް ކުރިއަށް ދިޔައަސް ބަނދަރު ހެދުމުގެ މަސައްކަތަށް ހުރަސް ނާޅާ ކަމަށެވެ. ނަމަވެސް އެ މައްސަލައަށް އިންސާފުވެރި ހައްލެއް އަންނަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ނަން ނުޖެހުމަށް އެދި ތުޅާދޫ ކޯޓުން ވާހަކަ ދެއްކި މީހަކު ބުނީ، ކޯޓުދޮށަށް އެއްވި މީހުން އެ ސަރަހައްދުން ދިރަށް ދިޔައީ އެމީހުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ކޯޓުން ޖަވާބު ދިނުމުން ކަމަށެވެ.

"ކޯޓުގެ މެޖިސްޓްރޭޓް ނެތިގެން މައްސަލަ ނުހިނގާއޮތުމުން އެމީހުން ކުރި ސުވާލަށް ކޯޓުން ވާނީ ޖަވާބު ދީފައި. ކޯޓު ހުންނަނީ ކެންދޫ ކޯޓުގެ މެޖިސްޓްރޭޓަރާ ހަވާލު ކޮށްފައި ނަމަވެސް އޭނާ ޗުއްޓީގައި ހުންނެވުމުން މެޖިސްޓްރޭޓަރެއް ނެތީ. ނަމަވެސް މިއަދު ދަރަވަންދޫ ކޯޓުގައި ހުންނަވާ މެޖިސްޓްރޭޓް ހުސެއިން އަލީއާ ތުޅާދޫ ކޯޓު ހަވާލު ކުރައްވާފައިވާތީ އެޖަވާބު އެމީހުންނަށް ދީފަ ވާނީ،" ކޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ރައްޔިތުންގެ ބަޔަކު ކޯޓު ދޮށަށް އެއްވިކަމުގެ މައުލޫމާތެއް މިއަދު ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަ ވެސް އެ ސަރަހައްދަށް މީހުން އެއްވެފައި ވަނިކޮށް ދެކިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަނދަރު މައްސަލައިގައި ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ ބެހޭގޮތުން ރައްޔިތުންގެ ބަޔަކު ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން ދުވަސް ނުވާ ކަމަށާއި އެ މުއްދަތުގައި އެ މައްސަލައިގައި ކައުންސިލުން ކޯޓަށް ޖަވާބުދާރީވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓު ދޮށަށް ބަޔަކު އެއްވި ވާހަކައެއް އަޑު އިވިގެން އަޅުގަނޑު ބަލައިލިން. ނަމަ ވެސް މީހަކު ފެންނާކަށް ނެތް. ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަދި އަޅުގަނޑުމެންނަކަށް އަންގާފައެއްނެތް އަދި އެ މައްސަލަ ހުށަހެޅިތާ ތިން ދުވަސް ވެސް ނުވޭ. އެހެންވީމަ އެ މުއްދަތުގައި އަޅުގަނޑުމެން ޖަވާބުދާރީ ވާނަން،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ތުޅާދޫ ބަނދަރުގެ މައްސަލައިގައި ރަށު ކައުންސިލާއި ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވީ، ބަނދަރުގެ ދިގުމިން 700 ފޫޓުން 1200 ފޫޓަށް ބޮޑުކޮށްދިނުމަށް ސަރުކާރުން ނިންމެވުމަށް ފަހު ބަނދަރު އިރުމައްޗަށް ބޮޑުކުރުމަށް ނިންމި ނަމަވެސް، ބަނދަރު ހުޅަނގަށް ބޮޑުކުރުމަށް ރަށުކައުންސިލުން ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ.