ޑެސްޓިނޭޝަން މޯލްޑިވްސްގެ އެޑިޓަރަކަށް ރޮއިސްޓަން އެލިސް ހަމަޖައްސަވައިފި އެވެ.

ރޮއިސްޓަން އަކީ ރާއްޖެއާ ބެހޭ ގޮތުން އެކި މަޖައްލާތަކަށް ލިޔެފައިވާ ލިޔުންތެރި އެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ބަޔޮގްރަފީ އެއްވެސް ވަނީ އޭނާ ލިޔެފައެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުގެ ނޫސް ތަކަށާއި، އިންފްލައިޓް ނުވަތަ ފްލައިޓް ތަކުގެ މެގަޒިން ތަކަށްވެސް ރާއްޖެއާ ބެހޭ ގޮތުން އޭނާ ލިިޔުންތައް ލިޔެފައިވެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އެހެނިހެން ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރާއްޖެއާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ ޑެސްޓިނޭޝަން މޯލްޑިވްސްގެ އެޑިޓަރަކަށް ރޮއިސްޓަން އެލިސް ހަމަޖެއްސެވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރޮއިސްޓަން އާ އެކު އެއްބަސްވުމުގައި ސޮއި ކުރެއްވީ ފީލް އިންވެސްޓްމެންޓުގެ ފަރާތުން އެކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހްމަދު އަލްހާން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުން ރޮއިސްޓަން ވިދާޅުވީ، އޭނާގެ އުއްމީދަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިޔާލު އެ މަޖައްލާގައި ހިމެނުން ކަމަށާއި، އެއީ ފަތުރުވެރިން ދެނެގަންނަން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި ދިނުމަށާއި ދުނިޔޭގެ އެއްވަނަ ޓޫރިޒަމް މަންޒިލްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ފާއިތުވެ ދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރައިގެން ގޮސްފައިވާކަމަށެވެ. އަދި ރާއްޖެއަކީ އެންމެންގެ މަންޒިލަކަށް ވީ ގޮތާމެދު އަންތަރީސްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑެސްޓިނޭޝަން މޯލްޑިވްސްގެ އެޑިޓަރަކަށް ރޮއިސްޓަން އެލިސް ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރޮއިސްޓަން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"މަޝްހޫރު ފަންނާނަކަސް، މެދުފަންތީގެ މީހަކަސް އުފާވެރި ހަނދާނުން ފޮހެނުލެވޭނެ އަދި ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަ ކުރެވޭނެ ތަނަކަށް ދިވެހިރާއްޖެ މިވަނީ ވެފައި،" ރޮއިސްޓަން ވިދާޅުވި އެވެ.

ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް 2017ގެ ލޭއައުޓާއި، ޑިޒައިން ކުރުމާއި، ކޮންޓެންޓް މެނޭޖުކުރުމާއި ޕްރިންޓް ކުރުމާއި ސެގްމަންޓު ބްރޯޝާސް ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފީލް އިންވެސްޓްމެންޓާ އެވެ.