ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލި މައްސަލާގައި ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް، 19، މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަރުހަމް މަރާލި މައްސަލައިގެ ހުކުމް ކުރުމަށް މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވިސާމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާތީ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ދެމުން، ވިސާމް އަރުހަމަށް ހަމަލާދެނިކޮށް ފެނުނު ކަމަށް ބުނެފައިވާ ކަމަށާއި އަދި ބައެއް ހެކީންނަށް ވިސާމް ލޮރެންޒޯ ޕާކަށް ވަންނަނިކޮށް ފެނިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އެ ހެކިތަކަށް ބަލާއިރު ވިސާމްގެ މައްޗަށް އަރުހަމް މަރާލިކަން ސާބިތުވާކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ވިސާމްގެ އިތުރުން ދެން އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ. މާވަށު، އަސަަރީގޭ މަންސޫރު ޔޫސުފް 25، އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން، 19، އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދު، 21،ގެ މައްޗަށެވެ.

ނަމަވެސް އެމީހުންގެ މައްޗަށް އަރުހަމް މަރާލިކަން ސާބިތުވާވަރަށް އެކަށީގެންވާ ހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ދައުލަތުން އެ ހަތަރު މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ 2012 މެއި 30 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް ހުއްޓައި ދަންވަރު 1:00 އާއި ހެނދުނު 6:30 އާއި ދެމެދުގެ ވަގުތެއްގައި އެ މީހުންގެ ތެރެއިން އާތިފް އާއި އިތުރު ބަޔަކާ އެކު ވިސާމާއި މަންސޫރު އަދި ސުފުޔާން ސައިކަލްތަކެއްގައި ގޮސް ޕާކްކައިރިއަށް މަޑު ކުރި ކަމަށެވެ. އަދި ސައިކަލްތަކުގައި މަޑުކުރުމަށް ފަހު ވިސާމާއި މަންސޫރު އަދި ސުފުޔާން ޕާކްތެރެ އަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމަށް ފަހު އެ އެންމެން އާތިފް ރަޝީދާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.

މައްސަލަ ހިނގާދިޔަ ގޮތް

  • ލޮރެންޒޯ ޕާކުތެރޭގައި މަރާލާފައި އޮއްވާ ފެނުނީ 2012 ޖޫންމަހު

  • މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރި
  • މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ ނޮވެމްބަރު އެކެއް 2012 ގައި
  • ހަތަރު މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި
  • މައްސަލައިގައި ދައުވާ ސާބިތުކުރުމަށާއި ދިފާއީ ހެކިންވެސް ވަނީ ނަގާފައި
  • މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިއަހަރުގެ މާޗު މަހުގެ ނުވަވަނަ ދުވަހު

ދައުވާ ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް އަރުހަމުގެ ބައްޕަ އަބްދުލް ޣަފޫރު އަލީ ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.