ރާއްޖެއިން ބޭރުގައި ކުރަމުންދާ އެކި ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ދިޔަ ދިވެހިންގެ އަދަދަކީ 49 ކަމަށާއި މިދިޔަ މަހު ހަނގުރާމައަށް ދާން އުޅުނު ތިން ދިވެހިން ހުއްޓުވާފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ން މިއަދު ކޯސްޓުގާޑު ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިދިއަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭން ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅުމުގެ ގޮތުން ރާއްޖެއިން ބޭރަށް ފުރަން އުޅުނު ތިން ދިވެއްސެއްގެ ފުރުން ހުއްޓުވާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ތިން މީހުންނަކީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ބައެއް ކަމަށެވެ. ނަމަވެސް އެ ތިން މީހުންނާ ގުޅޭ އިތުރު ވަނަވަރެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

"މީގެއިތުރުން އަވަށްޓެރި ގައުމެއްގައި ޓެރަރިސްޓު ނުވަތަ ޓެރަރިސްޓު ޖަމާއަތްތަކާއި ގުޅިގެން ހަމަލާތައް ހިންގުމަށްޓަކައި މަސައްކަތް ކޮށްފައިވާ މީހަކު މޯލްޑިވްސް ޕޮލިސް ސާވިސްއާ އިމިގްރޭޝަނާ އަދި ފޮރިން މިނިސްޓްރީއާ އަދި ޑިފެންސް މިނިސްޓްރީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ވަނީ މާލެ ގެނެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ވަނީ މިހާރު ހައްޔަރުކުރެވިފައި،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އިތުރުން އިމިގްރޭޝަނުގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ގޮސްފައިވާ މީހުންގެ އަދަދަކީ 49 ކަމަށެވެ.

"އަޅުގަނޑުމެންގެ ރަސްމީކޮށް އެ އަދަދު އިތުރުވާނެހެން ބަޔަކު ދިޔަ ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް އަދި މައުލޫމާތު ލިބިފައެއް ނެތް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންޓާ ޓެރަރިޒަމްގެ މަސައްކަތް އެންސީޓީސީގެ ފަރާތުން ކުރަން ފެށި ފަހުން ވަރަށް ގިނަ އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ވެސް ލިބެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތައް އެއްކޮށް ނުހުއްޓުނު ނަމަވެސް ވަރަށް ބޮޑަށް ކާމިޔާބީއެއް ލިބެމުން އަންނަ ކަމަށެވެ.