ހައުސިންގް މިނިސްޓްރީގެ މޯބައިލް އެޕްލިކޭޝަން "ފަސޭހަ މަގު"، އުރީދޫ ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިންގް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އުރީދޫއިން އެފަދަ އެހީތެރިކަމެއް ވެދިނުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިގޮތަށް ހަމަޖެހިގެން ދިއުމާ އެކު، އުރީދޫގެ މޯބައިލް އިންޓަނެޓު މެދުވެރިކޮށް "ފަސޭހަ މަގު" އެޕްލިކޭޝަން ބޭނުން ކުރުމަށް އެއްވެސް ޗާޖެއް ނުކުރާނެ އެވެ.

"މީގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެން މި ދަނީ. އެކަމަށްޓަކައި އުރީދޫގެ ހުރިހާ އިސްވެރިންނަށް ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން "ފަސޭހަ މަގު" އެޕް ބޭނުންކުރާ މީހުންގެ އަދަދު ވެސް އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަކީ ޑިޖިޓަލް، އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި ގައުމަކަށް ހެދުމަށް ކަމަށެވެ.

"އުރީދޫގެ ތަސައްވަރަކީ ރާއްޖެ ޑިޖިޓަލް ގައުމަކަށް ހެދުމަށް ހައުސިންގް މިނިސްޓްރީ އެކަނި ނޫން، ސަރުކާރުގެ ހުރިހާ އިދާރާއަކާ ވެސް މިފަދަ ކަންކަމުގައި އެކުވެ މަސައްކަތް ކުރުމަށް އުރީދޫއިން ތައްޔާރު،" އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.

ފަސޭހަ މަގު މޮބައިލް އެޕް ޑިޒައިންކޮށް ޑިވެލޮޕްކޮށްފައި ވަނީ މޮބައިލް އެޕްލިކޭޝަންސް އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ތަފާތު ހިދުމަތްތަކަށް ހާއްސަ ކުންފުންޏެއް ކަމަށްވާކްރޮންޓަސްގެ ފަރާތުންންނެވެ.

އެ އެޕްގައި ހިމެނޭ ޚާއްސަ ފީޗާތަކުގެ ތެރޭގައި، މާލޭގައި ބަންދު ކުރެވޭ މަގުތައް، މާލޭގެ މެޕަކުން ދައްކައިދެ އެވެ. އެޕްގެ ޑިވެލޮޕާ އަހުމަދު ނަދީމް ވިދާޅުވި ގޮތުގައި، މަގެއް ބަންދު ކުރުމުގެ ހުއްދައަށް އެދި ހައުސިންގް މިނިސްޓްރީއަށް ހުށަހަޅާ ފޯމު ބަލައިގަންނަ ވަގުތުން ފެށިގެން، މަގު ބަންދު ކުރާނެ މައުލޫމާތު އެޕުން ދައްކާނެ އެވެ.

މީގެ އިތުރުން އެ އެޕުން އެންމެ ޚާއްސަކޮށް ފާހަގަކޮށްލެވޭ ފީޗާއަކީ ޝަކުވާ ހުށަހެޅުމުގެ ފީޗާ އެވެ. މަގުމަތީގައި މީހުން ކުރާ ގަވައިދާ ޚިލާފު ކަންކަން، އެޕް މެދުވެރިކޮށް ފޮޓޯއާ އެކު ރިޕޯޓު ކޮށްލެވެ އެވެ.

އެގޮތުން، މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ކުންޏާއި، ފިހާރަތަކަށް ގެނެސް، މަގުމަތީގެ ދުވާރު މަތީގައި ބަހައްޓާފައިވާ މުދާ ފަދަ ތަކެތީގެ ޝަކުވާ ހުށެހެޅޭނެ އެވެ.

ޝަކުވާގެ އިތުރުން، ހައުސިންގް މިނިސްޓްރީއަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އެ ފީޗާގެ ދަށުން ލިބޭނެ އެވެ.

ފާހަގަ ކޮށްލެވޭ އެހެން ފީޗާތަކުގެ ތެރޭގައި، ހައުސިންގް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ބަލައިލުމާއި، މަގުމަތީގައި ބަހައްޓާ ބޯޑުތަކާ ބެހޭ މައުލޫމާތާއި، ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތަށް ވެސް އެޕް މެދުވެރިކޮށް އެދެވޭނެ އެވެ.