22 Sep 2016, 16:08
ބޭރު ގައުމުގެ ދިރާސާތަކުން ޓެރަރިޒަމްގެ މައްސަލަތަކަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއްގެ ގޮތުގައި ދެކެވުން ނަމަވެސް އެ މައްސަލައަކީ ހަމައެކަނި އިސްލާމްދީނާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި އެކަމުގައި ތަފާތު އެކި ކުށްތައް ކޮށްފައި ތިބި މީހުން ބައިވެރިވަމުން އަންނަކަށް ފާހަގަވެފައިވާ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު(އެންސީޓީސީ)ން މިއަދު ބުނެފި އެވެ.
މިއަދު މެންދުރު ކޯސްޓުގާޑު ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެންސީޓީސީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އެ ސެންޓަރުން ޓެރަރިޒަމާ ގުޅޭ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދިރާސާއިން ދައްކާ ގޮތުގައި ޓެރަރިޒަމްގެ މައްސަލައަކީ ހަމައެކަނި ދީނާ ގުޅޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައި ނުވާ ކަމަށާއި އެކަމުގައި އެހެނިހެން ބައިވަރު ކަންކަން އެކުލެވިގެންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެކި ކުށްތަކަށް އަރައިގެންފައި ތިބޭ މީހުން، އެމީހުންނަށް މި ހަރުކަށި ވިސްނުން ލައިދިނުމަށް ޓަކައި ދެކެވޭ އެންމެ މުހިއްމު އެއް ވާހަކައެއްގެ ގޮތުގައި މިއޮންނަނީ އެމީހުންނަށް ކުށްތަކެއް ކުރެވި އެކަމުން ސަލާމަތް ނުވާނެ ހިސާބަށް ދެވިފައި، އެކަމުގެ މާޔޫސް ކަމުގެ ތެރޭގައި. އެމީހުން އަލުން އަނބުރާ މުޖުތަމައުއަށް ނުކުންނައިރު މުޖުތަމައު ބަލައި ނުގަންނަ ފަދަ ހާލަތަކަށް ބައެއް މީހުން ގޮސްފައި މި އޮންނަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ މީހުންނަށް ކުރެވިފައިވާ ކުށްތަކުން ސަލާމަތްވާން އޮންނަ ހަމައެކަނި މަގަކީ ޖިހާދަށް ދިއުން ކަމަށް ބައެއް ފަރާތްތަކުން ވިސްނައި ދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެންސީޓީސީން ކުރި ދިރާސާއިން އެފަދަ ހާލަތްތަކުގައި ތިބި މީހުންގެ ސިކުނޑިތަކާ ބައެއް ފަރާތްތަކުން ކުޅެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކާނަލް އަބްދުއްރަހީމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ފަދަ ގޮތަށް އެ ފިކުރު އެހެން މީހުންނަށް ފެތުރުމަށްޓަކައި ޝޯޝަލް މީޑިއާ ވަރަށް ބޮޑަށް ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން ބޭރުގައި ހިނގާ އެކި ހަނގުރާތަމުގައި ބައިވެރިވާ ދިވެހިން އެކަމުގައި ޝާމިލުވާކަން ވެސް އެ ދިރާސާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރަށް ދިވެހިން ފުރާނަމަ ހާއްސަކޮށް ތުރުކީ ފަދަ ގައުމަކަށް ދިވެއްސަކު ފުރާނަމަ ފުލުހުންނާއި ސިފައިން ގުޅިގެން ފުރާމީހާ ޗެކުކޮށް މައުލޫމާތު ސާފު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމުތަކާއި އެކުގައި އަޅުގަނޑުމެން ބަލަމުންދާ ބެލުންތަކުގެ ނަތީޖާ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނަމުން ދަނީ. ރާއްޖެ އިން ބޭރުގެ ހަނގުރާމަތަކަށް ދާ ދިވެހިން އެކީގައި ނުހުއްޓުވުނު ނަމަވެސް ކޮންމެވެސް ވަރަކަށް މި ދެންނެވިހެން ޗެކު ކުރުމުގެ ސަބަބުން ހުއްޓޭ އެބަ." ކާނަލް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.