05 Jun 2011, 11:00
ރާއްޖޭގައި ހިއުމަން ޓްރެފިކިން، ނުވަތަ ނަހަމަ ގޮތުގައި މީހުންގެ ބޭނުން ހިފުން ދެނެގަތުގެ ރަނަގަޅު ނިޒާމެއް ދިވެހި ސަރުކާރުން ނުގެންގުޅޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
"... ނަހަމަ ގޮތުގައި އިންސާނުންގެ ބޭނުން ހިފުމުގެ މައްސަލަތައް ރިޕޯޓްކުރާ ހާލަތްތަކުގައި އެކަމުގައި އަނިޔާ ލިބޭ މީހުންނަށް ކޮންމެހެން ބޭނުންވާ އެހީތެރިކަން ދިނުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ ކުޑަމިންވަރަކަށެވެ." ސްޓޭޓް ޑިޕާޓްމަންޓްގެ ރިޕޯޓްގައިވެ އެވެ. "ހިއުމަން ޓްރެފިކިންގެ އަނިޔާ ލިބޭ މީހުން ދެނެގަންނާނެ ރަސްމީ އުސޫލުތަކެއް ދިވެހި ސަރުކާރުން ނުގެންގުޅެ އެވެ. އަދި އެފަދަ މީހުން ދެނެގަތުމަށް ދިވެހި ސަރުކާރުން މަސައްކަތް ނުކުރާ އިރު އެފަދަ މީހުން ތިބެދާނެ އަންދާޒާއެއް ވެސް ދިވެހި ސަރުކާރުން ކޮށްފައެއް ނުވެ އެވެ."
އެ ރިޕޯޓުގައި ބުނަނީ އަނިޔާ ލިބޭ މީހުންގެ ތެރެއިން އެހެން ގައުމުތަކުގެ މީހުންނާއި ދިވެހިންނަށް ވެސް )އެފަދަ ހާލަތްތަކުގައި( ތިބޭނެ ތަނާއި ކައުންސިލިން، ސިއްހީ ފަރުވާ އާއި ގާނޫނީ އެހީތެރިކަން ދިވެހިސަރުކާރުން ފޯރުކޮށް ނުދޭ ކަމަށާއި ނަމަވެސް އެހެން ގައުމުތަކުގެ މީހުން ރާއްޖެ އިން ޑީޕޯޓް ކުރުމަށް ޓަކައި އާދަޔާ ހިލާފަށް ކުރު މުއްދަތެއްގައި ތިބޭނެ ތަނެއް ސަރުކާރުން ވަނީ ގާއިމްކޮށްފައިވާ ކަމަށެވެ. ހަމަ އެރިޕޯޓުގައި ހިއުމަން ޓްރެފިކިންގެ އަނިޔާ ލިބޭ މީހުން ދެނެގަތުމަށް ދިވެހި ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުންނަށް ވަނީ ތަމްރީންތައް ދީފައިވައިވާ ކަމަށް ވެސް ބުނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރިޕޯޓްގައި އިތުރަށް ލިޔެފައިވެ އެވެ:
"ހިއުމަން ޓްރެފިކިންގެ އަނިޔާ ލިބޭ މީހުންނާ މެދު ދިވެހި ސަރުކާރުން އާއްމުކޮށް އަމަލުކުރާ ގޮތަކީ އެމީހަކު ޑީޕޯޓް ކޮށްލުމެވެ. އެމީހާ އަށް އަނިޔާ ދިން މީހާގެ ތަހުގީގާއި ޝަރީއަތް ކުރުމުގައި އެމީހާ ބައިވެރިއެއް ނުކުރެ އެވެ. އެގޮތުން ގަދަކަމުން މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުމުގެ އަނިޔާ ލިބޭ ބިދޭސީންނަށް ރާއްޖޭގައި އިންސާފު ނުލިބޭ އިރު މަޖުބޫރުކޮށްގެން ހަށިވިއްކުން ފަދަ އަމަލުތައް ކުރުވާފައިވާ ބިދޭސީ އަންހެނުން، އެމީހުންނަށް މަޖުބޫރު ވުމުގެ ސަބަބުން ކޮށްފައިވާ ކަންތައްތަކަށް ޖޫރިމަނާކުރުން ފަދަ އަދަބުތައް ދެވެ އެވެ."
ސްރީލަންކާ، އިންޑިޔާ، ތައިލެންޑް، ޗައިނާ، ފިލިޕީންސް، އިރުމަތީ ޔޫރަޕްގެ ގައުމުތައް އަދި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ގައުމުތަކުގެ މަދު މީސްކޮޅެއްލައްވާ މަޖުބޫރުކޮށްގެން ހަށިވިއްކުމުގެ މަސައްކަތް ދިވެހިރާއްޖޭގައި ކުރުވާ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.
ރާއްޖޭގެ ރަށްރަށުން ކިޔަވައި ދިނުމަށް ވެރިރަށް މާލެއަށް އަންނަ ކުދިން ލައްވައި މަޖުބޫރުން ބުރަ މަސައްކަތްތައް ކުރުވުމަކީ ރާއްޖޭގައި އެންމެން ދަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.
އަދި ބުނަނީ "ހިއުމަން ޓްރެފިކިން ހުއްޓުވުމުގައި ފާއިތުވި އަހަރު ރާއްޖެ އިން ކޮށްފައި ވަނީ ވަރަށް މަދު މަސައްތަކެވެ. ހިއުމަން ޓްރެފިކިން އާ ބެހޭ ގޮތުން ހޭލުންތެރިކުރުމަށް ދިވެހި ސަރުކާރުން މިދިޔަ އަހަރު އެއްވެސް ކެމްޕޭނެއް ހިންގާފައެއް ނުވެ އެވެ. އަދި ހިއުމަން ޓްރެފިކިންގެ އަނިޔާ ލިބޭ މީހުންގެ މައުލޫމާތު ކަމާ ބެހޭ އެޖެންސީތަކުގެ މެދުގައި ހިއްސާ ކުރެވޭނެ ނިޒާމެއް ވެސް ދިވެހި ސަރުކާރުން ގާއިމްކޮށްފައެއް ނުވެ އެވެ.
ހާއްސަކޮށް ވާރުތަވަމުން އަންނަ އަޅުވެތިކަން )ރަށްރަށުން މާލެ ގެންނަ ކުދިން ލައްވާ ބުރަ މަސައްކަތް ކުރުވުމުގެ މައްސަލަ( އާ މެދު އާއްމުންގެ މެދުގައި ހޭލުން ތެރިކަން އުފެއްދުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓް މިފަދަ ރިޕޯޓެއް ނެރެފައިވާއިރު އިންސާނުންގެ ނުހަމަ ބޭނުން ކުރުން ނުވަތަ ހިއުމަން ޓްރެފިކިން ހުއްޓުވާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރާ އިރުތިޝާމް އާދަމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.