ޏ. ފުވައްމަލަކަށް ސިޓީއެއްގެ ދަރަޖަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ދެއްވައިފި އެވެ.

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ރައީސް ޔާމީން ދެއްވީ އެމަނިކުފާނު މިއަދު ނެރުއްވި ގަރާރެއްގަ އެވެ.

....އަހުރެންނަށް ލިބިގެންވާ ބާރުގެ ދަށުން، ޏ. ފުވައްމުލަކަކީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައަޅައިފީމެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން

ރައީސް ޔާމީން ސޮއިކުރައްވައި މިއަދު ގެޒެޓް ކުރެއްވި ގަރާރެއްގައި ބުނެފައި ވަނީ ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ޝަރުތެއް ފުވަމުލަކުގައި ފުރިހަމަވާތީ އެރަށަށް ސިޓީއެއްގެ ދަރަޖަދޭން ނިންމީ ކަމަށެވެ. އެ ގަރާރުގައި ވިދާޅުވެފައި ވަނީ އެގޮތަށް ކަނޑައެޅީ ރައީސް ޔާމީނަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިގެންވާ ބާރުގެ ދަށުން ކަމަށެެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ޖަދުވަލު ދޭއްގައިވާ ގޮތުން ސިޓީއެއްގެ ދަރަަޖަ ދެވޭނީ އާބާދީގައި 10،000 މީހުންނަށްވުރެ ދަށްނުވާނަމަ އެވެ.

އޭގެ އިތުރުން އެލްޖީއޭއިން ކަނޑައަޅާ ހިދުމަތްތަކެއް އެ ރަށަކުން ލިބެން ހުންނަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ސިޓީއެއްގެ ދަރަޖަ ދޭ ރަށެއް ނުވަތަ ސަރަހައްދެއް، ނުވަތަ އަވަށެއްގައި އެފަދަ ތަނަކާއި އެކަށީގެންވާ ފެންވަރުގެ ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނަންވާނެ ކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅާފަ އެވެ.

އެ މިންގަނޑުގައި ބުނެފައި ވަނީ އިސްލާމީ ޝިއާރު ފާޅުކުރުމާއި އިޖްތިމާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތަކާއި ސިއްހީ ހިދުމަތާއި ތައުލީމަށް ބޭނުންވާ ވަސީލަތްތައް އެތަނެއްގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެއްގަމާއި ކަނޑުގެ ދަތުރުތައް ކުރެވުމާއެކު އެތަނަކުން ނުވަތަ އެތަނަކާ ދުރު ނޫން ހިސާބަކުން ވައިގެ ދަތުރު ފަތުރުކުރެވޭނެ އިންތިޒާމު ހުންނަންވާނެ ކަމަށް ވެސް އެލްޖީއޭއިން އާންމުކޮށްފައިވާ މިންގަނޑުގައިވެ އެވެ.

އެލްޖީއޭއިން ބުނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ ސަރަހައްދަކީ އުފެންދުންތެރިކަމުގެ ގޮތުން ބަލާއިރު އެތަނެއްގެ އާބާދީއާ އިގްތިސާދީ އަދި ސިނާއީ ފުރުސަތުތަކަށް ބިނާކޮށް އެވްރެޖު ގޮތެއްގައި އުފެއްދުންތެރިކަމުގެ ނިސްބަތް ގައުމީ މިންގަނޑާއި އަޅާބަލާއިރު އެކަށީގެންވާ މިންވަރަކަށް ހުންނަ ތަނަކަށް ވާންޖެހޭނެ ކަމަށެވެ.