22 Sep 2016, 16:12
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބެލޭނެ ގޮތަށް ރާޅުގަނޑު ސަރަހައްދުގައި ހަދާ ބުރިޖު ވިއުއިންގް ޕްލެޓުފޯމު ގާއިމުކުރުމަށް މަޝްހޫރު ނިއުޕޯޓު ކެފޭ ހިންގާ ސްޓްރާޑާ ކުންފުންޏާ ހަވާލުކޮށްފި އެވެ.
ހައުސިންގް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި، އެކަމުގެ އެގްރިމެންޓުގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި ސްޓްރާޑާ ކުންފުނީގެ ޑިރެކްޓަރު ޒާހިދު ރަމީޒް އެވެ.
ބުރިޖު ވިއުއިންގް ޕްލެޓްފޯމު ސްޓްރާޑާއިން އެސަރަހައްދުގައި ގާޢިމު ކުރާނީ ފަސޭހައިން ރޫޅާލެވޭ ބައިތަކެއްގެ ބޭނުންކޮށްގެންނެވެ. ސަބަބަކީ، ބުރިޖު ވިއުއިންގް ޕްލެޓްފޯމެއް އެސަރަހައްދުގައި ބަހައްޓަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ވާތީ އެވެ. ވަގުތީ ތަނެއްގެ ގޮތުގައި ބުރިޖު ވިއުއިންގް ޕްލެޓްފޯމް ހަދަނީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު، ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިމި، ލޮނުޒިޔާރަތް ކޮޅު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމަށް ތަން ދިނުމުގެ ގޮތުންނެވެ.
ބަޔަކު ބްރިޖުގެ މަސައްކަތް ކުރާ މަންޒަރު ބަލަން ތޮށިގަނޑު މަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ޕްލެޓްފޯމް ގާއިމުކުރަނީ ޓަސްކަލޫސާއާ ދިމާލުން ބޮޑުތަކުރުފާނުމަގުގައި، ހެންވޭރު އަޑު ކުރިމަތިންނެވެ. ސަރުކާރަށް އެ ބިމުގެ ކުލި ދައްކައިގެން، ސްޓްރާޑާއިން ބުރިޖު ވިއުއިންގް ޕްލެޓްފޯމް ގާއިމުކުރަނީ އަމިއްލަ ޚަރަދުންނެވެ.
ސްޓްރާޑާގެ ޑިރެކްޓަރ ޒާހިދު ރަމީޒް ވިދާޅުވި ގޮތުގައި މި ޕްލެޓްފޯމު އެކުންފުނިން ގާއިމުކުރަނީ ގާތްގަނޑަކަށް އަށް މިލިޔަން ރުފިޔާ ހޭދަކޮށްގެންނެވެ. އޭނާ ވިދާޅުވީ އެ އިންވެސްޓްމެންޓް ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެތަނުން އެ ކުންފުންޏަށާއި ސަރުކާރަށް ވެސް އާމްދަނީ ލިބޭނެ ގޮތްތަކެއް އުފެއްދުމަށް ރާވާފައިވާ ކަމަށެވެ.
"އެތަނުގައި އިވެންޓު ބޭއްވުން ފަދަ ކަންކަމުން ރެވެނިއު އުފައްދަން ވިސްނާފައި އޮތީ. މިކަން މި ކުރަނީ ތިން އަހަރު ދުވަސް ތެރޭގައި ޚަރަދުތައް ރިކަވަރ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމަ. އޭގެ އިތުރުން ދައުލަތަށް ވެސް ކުލީގެ އިތުރުން އާމްދަނީ ލިބޭނެ ކޮންސެޕްޓަކަށް މިތަން ޑިޒައިން ކޮށްފައި ވާނީ،" ޒާހިދު ވިދާޅުވި އެވެ.
ބުރިޖު ވިއުއިންގް ޕްލެޓްފޯމު ސްޓްރާޑާއިން ގާއިމުކުރަނީ، އޭގައި 350 މީހުންނަށް ތިބެވޭނެ ގޮތަށެވެ. އެ ޕްލެޓްފޯމާ އެކު ކުޑަކުދިން ކުޅޭ ސަރަހައްދަކާއި، 250 އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ލިބިގަނެވޭނެ ރެސްޓޯރަންޓެއްގެ އިތުރުން، 100 އުޅަނދަށް ޕާކު ކުރެވޭނެ ޕާކިންގް ޒޯނެއް ވެސް ހިމެނޭނެ އެވެ.
އަދި އެސަރަހައްދުގައި ހުރެ، ބުރިޖުގެ މަސައްކަތް ކައިރިން ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެތަނުގައި ދެ ދުރުމި ވެސް ބަހައްޓާ ގޮތް ހަމަޖެހޭނެ ކަމަށް އެެ ކުންފުނިން ބުންޏެވެ.