22 Sep 2016, 15:04
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ބުލޫމްބާގުން 1.3 މިލިއަން ރުފިޔާގެ އެހީއެއް ވެދީފި އެވެ.
އެކަމަށް ޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، ބްލޫމްބާގުން ދިން އެހީ އިން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އަމަލީ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި ދުންފަތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް ޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް ބުލޫމްބާގުން ދިން ފައިސާގެ ބޭނުން ކުރާނެ ކަމަށެވެ.
އަދި އެ އެހީއަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުށަހެޅި ޕްރޮޕޯސަލްއެއް ކާމިޔާބުވެގެން ލިބުނު އެހީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބުލޫމްބާގް އިނިޝިއޭޓިވްގެ އެހީ ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާގެ ހެޑް ޑރ. ރަނާ ޖޭ ސިންހް ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކޮށްފައިވާ ކަމަށާއި، އަމާޒަކަށް ހަދަންވީ ރާއްޖެ އަކީ ސްމޯކް ފްރީ ގައުމަކަށް ހެދުން ކަމަށެވެ.
ބުލޫމްބާގް އިނިޝިއޭޓިވްގެ އެހީ ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާގެ ހެޑް ޑރ. ރަނާ ޖޭ ސިންހް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ
އޭނާ ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި 2010 ވަނަ އަހަރު ގާނޫނެއް ހަދާފައިވާ ކަމަށާއި އެހެން ނަމަވެސް އެންމެ މުހިއްމު އެއް ކަމަކީ އެ ގާނޫނު ތަންފީޒު ކުރުން ކަމަށެވެ.
އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ މައިކަލް ބުލޫމްބާގް ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ދުންފަތާ ދެކޮޅަށް ހަރަކާތްތައް ހިންގުމަށް ވެދެއްވި އެހީ އިން ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.