ހަ ސަރަހައްދެއް ހިމަޔާތްކޮށް، ހިމާޔަތްކޮށްފައިވާ ދެ ސަރަހައްދެއްގެ އިން ބޮޑުކޮށް ތިމާވެއްޓާބެހޭ މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނީ، ތިމާވެއްޓާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން މިއަދު ފެށިގެން އަލަށް ހިމާޔާތް ކުރި ހަ ސަރަހައްދުގެ ތެރެއިން ފުރަތަމަ ބަޔަކީ ބ. އަތޮޅު މެންދޫ އާއި މެންދޫ ވަށައިގެންވާ ފަރާއި ބ. އަތޮޅު މެންދޫ ބިންމަތީފަރާއި ބ. އަތޮޅު ކަނބުރުފަރާއި ބ. އަތޮޅު ނިބިލިގާ އާއި ނިބިލިގާ ވަށައިގެންވާ ފަރާއި އަދި މި ރަށްތަކުގެ ފަރުގެ ނުވަތަ މި ފަރުތަކުގެ އުރަފަށުން ފެށިގެން 200 މީޓަރުގެ ފުޅާސަރަހައްދު ކަމަށެވެ.

ދެން ހިމާޔާތް ކުރީ ބ. ގޮއިދޫ އުތުރުފަރާތުގައިވާ ގޮއިދޫ ކޯރާއި އެ ކޯރު ވަށައިގެންވާ ކަނޑޫފަލާއި އެތަންތަނާއި ގުޅިފައިވާ ސަރަޙައްދެވެ. ތިން ވަނަ އަށް ހިމާޔާތް ކުރީ އެ އަތޮޅު ހުޅަނގުބިތުގައިވާ މާހުރަވަޅިފަރާއި އެ ފަރުގެ އުރަފަށުން ފެށިގެން 200 މީޓަރުގެ ފުޅާސަރަހައްދެކެވެ.

މިނިޓްރީން ހިމަޔާޔަތްކޮށް މިއަދު އިއުލާނު ކުރި ހަތަރު ވަނަ ސަރަހައްދަކީ ވެސް ބ. އަތޮޅުގެ ސަރަހައްދެކެވެ. އެއީ އެ އަތޮޅު ބަތަލާހުރާ އާއި ބަތަލާހުރާ ވަށައިގެންވާ ފަރު ، ގާގަނޑުހުރާ އަދި ވިނަނެތްފަރުހުރާ އާއި މި ރަށްތަކުގެ ފަރުގެ ނުވަތަ މި ފަރުތަކުގެ އުރަފަށުން ފެށިގެން 200 މީޓަރގެ ފުޅާސަރަހައްދެވެ. ހިމާޔަތްކުރި ފަސް ވަނަ ސަރަހައްދަކީ ބ. އަތޮޅު ދޮރުކަޑުގެ ހުޅަނގު ފަރާތުގައި މަތިފަރުހުރާހިމެނޭގޮތަށް މި ހުރާގަޑުގެ އުރަފަށުން ފެށިގެން 200 މީޓަރގެ ފުޅާސަރަހައްދެވެ. ދެން ހިމާޔަތް ކުރީ ބ. އަތޮޅު ފުޅަދޫ ހުޅަނގުއުތުރު ފަރާތަށް، މީލާދީން 1602 ވަނައަހަރު އުރިފައިވާ "ކޯބިން" ނައުގެ ވަށައިގެންވާ އެއް ކިލޯމީޓަރުގެ ފުޅާ ސަރަހައްދެވެ.

މީގެ އިތުރުން ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔާތްކޮށްފައިވާ ދެ ސަރަހައްދެއްގެ އިންވެސް މިއަދު ވަނީ ބޮޑުކޮށްފަ އެވެ. އެ ގޮތުން 21 އޮކްޓޯބަރު 1999 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ބ. ދިގަލިހާ ސަރަހައްދުގެ ބައެއްގެ ގޮތުގައި ދިގަލިގިރި ހަމަޖައްސައި، ދިގަލިހަލާއި ދިގަލިގިރި ދެމެދުގައިވާ ތަންތަން ހިމެނޭގޮތަށް މި ދެ ސަރަހައްދުގެ ވަށައިގެން 200 މީޓަރުގެ ފުޅާސަރަހައްދު ހިމަނައި 5 ޖޫން 2009ގައި ހިމާޔަތްކޮށްފައިވާ ހަނިފަރު ސަރަޙައްދު ތެރޭގައިވާ ހަނިފަރު ރަށް، ހަނިފަރު ސަރަހައްދުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެ އެވެ.

މި ފިޔަވަޅު ސަރުކާރުން އަޅާފައިވާއިރު މިއަދަކީ ތިމާވެށީގެ ދުވަހެވެ.