22 Sep 2016, 13:21
ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ޑޮލަރު ވިއްކުން އަންނަ ހަފްތާއިން ފެށިގެން ކުރިއަށް ދާނީ އެސްޓީއޯ ޓްރޭޑު ސެންޓަރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗުން ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލުން މީގެ ކުރިން ޑޮލަރު ވިއްކަމުން ދިޔައީ، ސީޓްރެކްސް ބިލްޑިންގްގައި ހުރި ބީއެމްއެލް ބްރާންޗުންނެވެ. ނަމަވެސް އެތަނުގެ މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި، އެތަނުގައި ހުރި ބީއެމްއެލް ބްރާންޗު މިހާރު ވަނީ ބޭންކުގެ ކުރީގެ "ބީއެމްއެލް ލައިޓް" ހުރި ތަނަށް ބަދަލު ކޮށްފަ އެވެ.
ބީއެމްއެލުން ބުނީ ޑޮލަރު ވިއްކުމަށް ޚާއްސަކޮށްފައިވާ ވަގުތަކީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ކަމަށެވެ. ބީއެމްއެލުން ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކަ އެވެ.
ސީޓްރެކްސްގައި ހުރި ބީއެމްއެލްގެ ބްރާންޗު ބަންދުކޮށް، މަރާމާތު ކުރަނީ އެތަނުގައި ބީއެމްއެލް އިސްލާމިކްގެ ބްރާންޗެއް ހުޅުވުމަށެވެ.