22 Sep 2016, 13:36
ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އާންމު މުވައްޒަފުން، ވަޒީފާއަށް ނެރުން ހުއްޓާލިތާ 10 މަސްވީ އިރު ވެސް އަދިވެސް އެ މުވައްޒަފުންނަށް މުސާރަ ދެމުންދާކަން "ސަން"އަށް އެނގިއްޖެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން މަޖިލީހުގެ ވަޒީފާއަށް ނުނިކުތުމަށް އެންގި 22 އޮފިސަރުންނަށް ދަނީ މުސާރަ ދެމުންނެވެ. އޭގެ ތެރެއިން 18 މީހުންގެ ތެރެއިން ކޮންމެ މީހަކަށް މުސާރައިގެ ގޮތުގައި މަހަކު 14،000 ވުރެ ގިނަ ރުފިޔާ ދެމުންގެންދާކަން "ސަން"އަށް ވަނީ އެނގިފަ އެވެ.
ގޭގައި މަޑުކުރުމަށް އެންގި އޮފިސަރުންގެ ތެރެއިން ވެރިންގެ ލެވެލްގެ ތިން މީހުންގެ ތެރެއިން މީހަކަށް މަހެއްގެ މައްޗަށް 19،000 ވުރެ ގިނަ ރުފިޔާ ދައުލަތުން ދެމުންގެންދެ އެވެ. އަދި ސެކިއުރިޓީންގެ ތެރޭގައި ނައިބު ފެންވަރު މަގާމެއްގައި ހުންނަވާ ބޭފުޅަކަށްް 25،000 ވުރެ ގިނަ ރުފިޔާ ދެމުންދާކަން "ސަން"އަށް ވަނީ އެނގިފަ އެވެ.
މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އާންމު މުވައްޒަފުން ވަޒީފާއަށް ނެރުން ހުއްޓާލާފައި ވިޔަސް، އެ އޮފިސަރުންގެ ކަންކަން ބަލަހައްޓަވާ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމު ވަޒީފާއަށް ނުކުންނަވަ އެވެ.
ވަޒީފާއަށް ނެރުން ހުއްޓާލި އޮފިސަރުންނަށް މުސާރަ ދެމުން ގެންދޭތޯ މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދާ ސުވާލު ކުރުމުން ވިދާޅުވީ "އެއީ ތެދެއް" ކަމަށެވެ.
އެ މުވައްޒަފުން ވަޒީފާއަށް ނެރުން ހުއްޓާލީ ކީއްވެތޯ ސުވާލު ކުރުމުން އަމީންއާންމު ޖަވާބެއް ނުދެއްވަ އެވެ.
އޮފިސަރުން ވަޒީފާއަށް ނުނިކުތުމަށްް އެންގި ނޯޓިސްގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އެ ނޯޓިސްގައި ބުނެފައިވާ ގޮތުން އެ މީހުން ވަޒީފާއަށް ނެރުން ހުއްޓާލީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ހަތަރު ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމީން އިއުލާން ކުރުމާ ގުޅިގެން މަޖިލީހުގެ ސެކިއުރިޓީ ސިފައިން މެދުވެރިކޮށް އިތުރަށް ވަރުގަދަ ކުރުމަށެވެ.
މަޖިލީހުގެ ސެކިއުރިޓީން ސިފައިން ބަލަހައްޓަމުން ދަނިކޮށް، އިތުރު ސެކިއުރިޓީގެ ގޮތުގައި އާންމުންގެ ތެރެއިން 25 މީހަކު މަޖިލީހުގެ ވަޒީފާއަށް ނެގީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި، އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަމުރަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މަޖިލީހުގެ ޖަލްސާތައް ހޫނުވެ، ޖަލްސާތައް މެދުކަނޑާލަން ޖެހުނު ދުވަސްވަރެއްގައި އެ އޮފިސަރުންނަށް ވަޒީފާ ދިނީ އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް އާންމު ކޮމެޓީން އިންޓަވިއު ކުރުމަށްފަހުގަ އެވެ.