22 Sep 2016, 13:30
ދުނިޔޭގެ ހުރިހާ ބަލިތަކާ ބެހޭ ގޮތުން ދިރާސާ ކުރުމަށް ތިން ބިލިއަން ޑޮލަރު ހޭދަ ކުރަން ފޭސްބުކުގެ ބާނީ މާކް ޒަކަބާގާއި އަންހެނުން ޕްރިސިލާ ޗޭން ނިންމައިފި އެވެ.
އެފައިސާ ހަރަދު ކުރަން ހަމަޖެހިފައި ވަނީ ޗޭން ޒަކަބާގް އިނިޝިއޭޓިވް މެދުވެރިކޮށްގެންނެވެ. އެއީ "އިންސާނީ ފޯރުންތެރިކަން އިތުރުކުރުމާއި ކުރިއަށް އޮތް ޖީލުގެ ކުޑަކުދިންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް" މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޒަކަބާގް އާއި ޗޭން އުފައްދާފައިވާ އިނިޝިއޭޓިވްއެކެވެ.
ސެން ފްރެންސިސްކޯގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ޒަކަބާގް އާއި ޗޭން ބުނި ގޮތުގައި އެ ފައިސާ ހަދިޔާ ކުރުމުގެ މަގުސަދަކީ "މިގަރުނު ނިމެންވާ އިރަށް ހުރިހާ ބަލިތަކަށް ހައްލު ހޯދުން، ފަރުވާ ކުރުން ނުވަތަ މެނޭޖް" ކުރުމެވެ.
ޒަކަބާގް ބުނި ގޮތުގައި ސިއްހީ ބަލިތަކަށް ހައްލެއް ހޯދުމަށް ވުރެ ބަލިތަކަށް ފަރުވާ ދިނުމަށް މިހާރު ސިއްހީ ދާއިރާ އިން 50 ގުނަ އިތުރަށް ފައިސާ ހޭދަ ކުރެ އެވެ. އަދި އެކަން ބަދަލު ކުރަން ޖެހެ އެވެ.
ޒަކަބާގް ބުނި ގޮތުގައި އެދެމަފިރިން ކުރި އިންވެސްޓުމެންޓުން އިސްކަން ދޭނީ ސައިންޓިސްޓުންނާއި އިންޖިނިއަރުން އެއްތަނަކަށް ގެނައުމަށާއި، ދިރާސާތައް ފުޅާ ކުރުމަށް އާ އާލާތްތަކާއި ޓެކްނޮލޮޖީ އުފެއްދުމަށާއި ސައިންސުގެ އިތުރު ދާއިރާތަކަށް ފަންޑު ކުރުމަށް އެއިނިޝިއޭޓިވް ފުޅާ ކުރުމެވެ.
މީގެ އިތުރުން ޗޭން ބުނި ގޮތުގައި އެދެމަފިރިން ވަނީ އިންޖިނިއަރުންނާއި، ކޮމްޕިއުޓާ ސައިންޓިސްޓުންނާއި، ބައޮލޮޖިސްޓުންނާއި، ކެމިސްޓުންނާއި އެހެނިހެން އުފެއްދުންތެރިން އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ބައޯހަބް ކިޔާ ރިސާޗް ސެންޓަރެއް ބިނާކުރުމަށް 600 މިލިއަން ޑޮަލަރު ހޭދަ ކުރުމަށް ނިންމައިފަ އެވެ.
ބައޯހަބުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ ދެޕްރޮޖެކްޓެއް ފުރިހަމަ ކުރުމަށެވެ. އެއީ ހަށިގަނޑުގެ މައި ގުނަވަންތައް ކޮންޓްރޯލް ކުރާ އެކި ބާވަތުގެ ސެލްތައް ސިފަކޮށްދޭ 'ސެލް އެޓްލަސް' އެއް ނުވަތަ 'މެޕެއް' އުފެއްދުމަށާއި އެޗްއައިވީ އާއި ޒިކާ ފަދަ ގައިން ގަޔަށް އަރާ ބަލިތަކަށް އާޓެސްޓުތަކާއި ވެކްސިންތައް އުފެއްދުމަށެވެ.
ނަމަވެސް އެދިރާސާތަކުން އާސިއްހީ ފަރުވާތައް އުފައްދައި، އެފަރުވާ މީހުންނަށް ދޭން ފެށޭނީ ގިނަ އަހަރުތައް ފަހުން ކަމަށް ޒަކަބާގް ފާހަގަކުރި އެވެ. (ބީބީސީ)