ދުނިޔޭގެ ޖައްވުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެއްބަސްވެ، އެކުލަވާލި ޕެރިސް އެގްރިމެންޓު ދުނިޔޭގެ 30 ގައުމަކުން ތަސްދީގުކޮށް، އެގްރިމެންޓު ތަސްދީގުކުރި ގައުމުތަކުގެ އަދަދު 60 އަށް އަރައިފި އެވެ.

ޕެރިސް އެގްރީމެންޓަކީ، ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅަ ބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ގައުމުތަކުން އެކުލަވާލި އެއްބަސްވުމެކެވެ.

މިހާރު ކުރިޔަށްދާ އދ.ގެ 70 ވަނަ އާންމު މަޖިލީހާއި، އެ ހަރަކާތާ ގުޅިގެން ހަވާސާގައި ކުރިޔަށްދާ ބައްދަލުވުންތަކުގައި، 30 ގައުމަކުން ވަނީ ޕެރިސް އެގްރިމެންޓު ތަސްދީގު ކުރިކަމުގެ ލިޔެކިޔުންތައް ހުށަހަޅައިފި އެވެ.

އެ ގައުމުތަކަކީ ބަންގްލަދޭޝް، ސްރީލަންކާ، ބްރޫނާއި، ޔޫއޭއީ، ސްވަޒިލެންޑް، ތައިލެންޑް، ސިންގަޕޫރު، ޕެނަމާ، އާޖެންޓީނާ، ބްރެޒިލް، ގާނާ، ބެލާރަސް، ޑޮމިނިކާ، ގިނީ، ހޮންޑުރަސް، މަޑަގަސްކާ، ކިރިބަތީ، ނެމިބިއާ، މޮރޮކޯ، ޕަޕުއާ ނިއު ގިނީ، ޔުގަންޑާ، ޓޮންގާ، ނައިޖަރު، ސެނެގޮލް، މެކްސިކޯ، ވަނުއާޓޫ، މޮންގޯލިއާ، ބެލާރަސް، އެންޓިގުއާ އެންޑް ބާބިއުޑާ އަދި އައިސްލެންޑެވެ.

މިދިޔަ މަހުގެ ތެރޭގައި ދުނިޔޭގެ ޖައްވަށް ވިހަ ގޭސް އެންމެ ގިނައިން ބޭރުކުރާ ދެ ގައުމު ކަމުގައިވާ އެމެރިކާއާއި ޗައިނާ އިން ވަނީ ޕެރިސް އެގްރިމެންޓް ތަސްދީގުކޮށްފަ އެވެ.

ޕެރިސް އެގްރިމެންޓުގައި ދުނިޔޭގެ 180 ގައުމަކުން ސޮއިކޮށްފައިވާ އިރު، އެ އެގްރިމެންޓުގައިވާ ކަންކަން އަމަލީ ގޮތުން ތަސްދީގުކުރަން ފަށާނީ މަދުވެގެން 55 ގައުމެއްގެ ސަރުކާރަކުން އެ އެގްރިމެންޓު ތަސްދީގު ކުރަން ނިންމުމުންނެވެ. އެ ގައުމުތަކުގެ ކާބަން އެމިޝަން ވެސް ދުނިޔޭގެ ޖުމްލަ ކާބަން އެމިޝަންގެ 55 ޕަސަންޓަށް ވާން ޖެހެ އެވެ.

ރާއްޖެއަކީ ޕެރިސް އެގްރިމެންޓު އެކުލަވާލުމާއި ތަސްދީގުކުރުމުގައި އިސް ދައުރެއް އަދާކުރި ގައުމެކެވެ. އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާކަން ކުރާ ރާއްޖެއިން ވަނީ ޕެރިސް އެގްރިމެންޓު ތަސްދީގުކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނިފަ އެވެ.

އދ.ގެ އާންމު މަޖިލީހަށް ވަޑައިގެން ނިއު ޔޯކުގައި މިވަގުތު ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ޕެރިސް އެގްރިމެންޓް ތަސްދީގުކުރުމުގެ ކަންކަމުގައި އެންމެ ކުރިން ފަށައިގެން އިސް ދައުރެއް އަދާކުރަމުން ދިޔައީ ކުދި ޖަޒީރާ ގައުމުތައް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މި އެގްރިމެންޓަށް އަމަލުކުރުމާ އިސްތައްޓެއްގެ ފުޅާމިން ހާ ދުރުމިނުގައި. މި އަހަރު އިރާދަކުރެއްވިއްޔާ މި އެގްރިމެންޓު ތަންފީޒު ކުރަން ފެށޭނެ،" ފޮރިން މިނިސްޓަރު ޑރ. އާސިމް ވިދާޅުވި އެވެ.