ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އަދި ފަތުރުވެރިންގެ ތެރޭގައި ވަރަށް މަގުބޫލް ބިނާއެއް ކަމަށްވާ މާލޭ ހުކުރު މިސްކިތުގެ މުންނާރު ކުލަ އާކުރުމަށް އެ މުންނާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން މި ވަނީ އިއުލާންކޮށްފަ އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުންކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހުކުރު މިސްކިތު މުންނާރު ދޮވެ ސާފުކޮށްދިނުމާއި، މުންނާރުގައި ކުރަން ހުރި ކުދިކުދި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމުގެ މައުލޫމާތު މިމަހު 28 ވަނަ ދުވަހު އެޑިޕާޓްމަންޓުން ސާފް ކުރުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު އަންދާސީ ހިސާބު ހުށައެޅުމަށް ހެރިޓޭޖުން އިއުލާންކޮށްފައިވެ އެވެ.

މުންނާރު ދޮންނަން ނިންމާފައިވާއިރު މިހާރު ވަނީ މުންނާރުގެ ކުލަ ބާއްވަން ފަށާފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި މުންނާރު އާކޮށް ކުލަލާފައިވާއިރު އެފަހަރު މުންނާރުގައި ކުލަލީއިރުވެސް މުންނާރު ހުރީ ވަރަށް ބޮޑަށް ކުލަވެއްޓި ކަޅުކުލަ ހިފާފަ އެވެ.