22 Sep 2016, 10:22
މި މަހުގެ ތިން ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ކާރު ޑްރައިވަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ 22 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ތަހުގީގުގެ ބޭނުމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ އެކްސިޑެންޓުގައި ޒަހަމްވި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28، މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށެވެ.
އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ޝާހިދާ އެކު ސައިކަލު ދުއްވަން ނުކުމެ އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ނިރޮޅު މަގުން ދުއްވާފައި ދަނިކޮށެވެ. ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހި އެކްސިޑެންޓު ހިނގި އިރު، ޝިއުނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ.
އެ އެކްސިޑެންޓުގައި ޝިއުނާގެ ދަތްދޮޅީގެ އިތުރުން ކަނދުރާ އާއި ކަނާތު ފައި ބިންދައިގެންދިޔަ އެވެ.
އެކްސިޑެންޓުގައި ޒަހަމްވި ޝާހިދަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެކްސިޑެންޓުގައި މަރުވި ޝިއުނާއަކީ މީގެ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވެސް އޭނާގެ ހުރެ އެވެ. ޝިއުނާ މާލެ އައީ އޭނާގެ މަންމަ އާއި ދައްތަ ހައްޖަށް ފޮނުވާފައި ދައްތަގެ ދަރިފުޅު ބެލުމަށެވެ.