ޑީއާރްޕީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުގެ މާގާމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބް ކުރުމަކީ ޕާޓީގެ އެތެރޭގައި ޖެހިފައިވާ މައްސަލަތައް އިތުރުވެ، އެޅިފައިވާ ރެނދުތައް އިތުރަށް ފުޅާވާނެ ކަމެއް ކަމުގައި ޒެޑް-ޑީއާރުޕީ އިން ބުނެފި އެވެ.

ޑީއާރުޕީގެ ލެޓާހެޑްގައި ޑީއާރުޕީގެ ޒައީމް ފެކްޝަނުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް މީހަކު އައްޔަން ކުރުމާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައެޅިފައި އޮންނަ ކަމަށާއި ޑެޕިއުޓީ ލީޑަރަކު އަސާސީ ގަވާއިދާ ހިލާފަށް ޕާޓީން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ވެސް ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދަނިކޮށް، އަސާސީ ގަވާއިދަށް ބެލުމެއް ނެތި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކަށް އިހްތިރާމް ކުރުމެއް ނެތި ކައުންސިލުން ޑެޕިއުޓީ ލީޑަރުގެ މަގާމަށް މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒު އައްޔަންކުރުމަކީ ވަރަށް ހުދުމުހުތާރު ގޮތެއްގައި ވަކި ފިކުރެއްގެ ބަޔަކު ޕާޓީގެ މަގާމުތަކަށް ނެގުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ މެންބަރު ރާމިޒު އެ މަގާމަށް އައްޔަން ކުރުމަށް ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި ޒައީމް ފެކްޝަނުން ބައިވެރިވެފައިނުވި ނަމަވެސް ކައުންސިލްގެ ބައްދަލުވުން ބޭއްވުމުގެ ތިން ދުވަސް ކުރިން ކުރިން ކައުންސިލް މެންބަރުންނަށް އަންގާފައިވާ ކަމަށެވެ.

ޒައީމް ފެކްޝަނުން ނެރެފައިވާ ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީން ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުގެ މަގާމަކަށް މެންބަރު ރާމިޒު އައްޔަންކުރި ވާހަކަ އަޑުއެހީ ހައިރާން ކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުގެ މަގާމު ހުސްވުމުން އަމަލު ކުރަންވީ ޕާޓީގެ އަސާސީ ގަވާއިދު 85 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެބަޔާނުގައިވެ އެވެ.

އަދި ޕާޓީގެ ޑިޕިއުޓީ ލީޑަރުންގެ ގޮތުގައި ތިބޭ މީހުންގެ ތެރެއިން މީހަކު، އެ މީހެއްގެ މަގާމުގެ މުއްދަތު ހަމަނުވަނީސް، އެއްވެސް ސަބަބަކާ ހުރެ އެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް މީހަކު އިންތިހާބް ކުރަންވާނެ ކަމަށް ގަވައިދުގައި އޮންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން އިންތިހާބު ކުރަންވާނީ ޕާޓީގެ ޤައުމީ މަޖިލީހަކުން ކަމުގައި އެ ގަވާއިދުގައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޑީއާރުޕީން ބުނެފައި ވަނީ ޑީއާރްޕީގެ ނައިބު ލީޑަރު ކަމަށް ރާމިޒް ހަމަޖެއްސީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 120 ވަނަ މާއްދާ އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

މެންބަރު ރާމިޒު ޑީއާރުޕީން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އައްޔަންކޮށްފައި ވަނީ ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރުން ކަމުގައިވާ އަލީ ވަހީދާއި އުމަރު ނަސީރު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.