ގާހިރާ (ސެޕްޓެމްބަރު 22): ހަސްތޭކަ ވަރަކަށް ރެފިއުޖީންނާއެކު މިސްރުގެ އައްސޭރި ފަށުން ދަތުރު ކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލުމުން 43 މީހަކު މަރުވެ، އެތައް ބަޔަކު ކަނޑުވެއްޖެ އެވެ.

މިސްރުގެ ދައުލަތުގެ ނޫސް އޭޖެންސީ މީނާގައިވާ ގޮތުން އެ ބޯޓު އިއްޔެ ބަންޑުން ޖަހާލުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި 20 ފިރިހެނުންނާއި، 10 އަންހެނުންނާއި ކުޑަ ކުއްޖަކު ހިމެނެ އެވެ. ބާކީ 12 މީހުންގެ ހަށިގަނޑު ފެނިފައި ވަނީ މަސްވެރިންނަށް ކަމަށް މިސްރުގެ އޮފިޝަލުން ބުންޏެވެ.

އަދި 154 ފަސިންޖަރުން ސަލާމަތްކޮށްފައިވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ.

"ފުރަތަމަ މައުލޫމާތު ލިބުނީ ބޯޓުގައި މާގިނަ މީހުން ތިބުމުން ބޯޓު އަޑިއަށް ދިޔައީ ކަމަށް. އަސްލު ވީގޮތަކީ ބޯޓު އަރިވެ، ފަސިންޖަރުން ކަނޑަށް ވެއްޓުނީ،" ސަލާމަތީ އޮފިޝަލަކު ވިދާޅުވި އެވެ.

ބަންޑުންޖަހާލި ބޯޓުގައި މިސްރާއި، ސީރިއާ އާއި އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މީހުން ތިބި ކަމަށް އޮފިޝަލުން ބުނާ އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިޓަލީ އަށް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާއިލް ވަނީ އެ ހާދިސާއަށް ޒިންމާވާ ފަރާތްތައް ހޯދަން ޖެހޭނެ ކަމަށާއި އެހާދިސާގައި ގެއްލުނު މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރެވެން އޮތް ހުރިހާ ވަސީލަތްތައް ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)