އިނގިރޭސި ލީގް ކަޕްގެ ހަތަރު ވަނަ ބުރަށް ޓީމުތަށް ދަތުރުކުރިއިރު ވާދަވެރި ހޯޒޭ މޮރީނިއޯގެ މެންޗަސްޓާ ޔުނައިޓެޑާއި ޕެޕް ގާޑިއޯލާގެ މެންޗަސްޓާ ސިޓީ ބައްދަލު ކުރަން ޖެހިއްޖެ އެވެ.

އަންނަ މަހުގެ 24 ވަނަ ދުވަހު ލީގު ކަޕްގެ ހަތަރުވަނަ ބުރު ފެށޭއިރު އާސެންލުން ވާދަކުރަން ޖެހޭނީ ރީޑިންގްއާއެވެ. ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރަން ޖެހޭ އިރު ޗެލްސީ ނުކުންނަށް ޖެހޭނީ ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގު ކަޕް ކާމިޔާބު ކުރާ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ޖާގެއެއް ކަށަވަރުވާނެ އެވެ. ހަތަރުވަނަ ބުރުގެ މެޗުތައް ކާމިޔާބު ކުރާ ޓީމުތަކަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެއެވެ.

ހަތަރު ވަނަ ބުރުގައި އެންމެ ފޯރި ގަދަ ވާނެ ކަމަށް ބެލެވޭ ޔުނައިޓެޑް އާއި ސިޓީގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ މެޗެކެވެ. އެންމެ ފަހުން ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް އާއި ސިޓީ ބައްދަލު ކުރި މެޗު ގޮސްގެން ވަނީ ފޯރި ގަދަ ބާލާހިއްވާ ކަހަލަ ކުޅުމެއް ފެނިގެން ދިޔަ މެޗަކަށެވެ. އެ މެޗު 2-1ގެ ނަތީޖާއަކުން ޔުނައިޓެޑްގެ އޯލްޓްރެފޯޑްގައި ކާމިޔާބު ކުރީ ސިޓީންނެވެ.

ސިޓީ އާއި ޔުނައިޓެޑްގެ އިތުރުން އެ މެޗަކީ އެ ދެ ޓީމުންގެ ކޯޗުންނަށް ވެސް ވަރަށް ހާއްސަ މެޗެކެވެ. ސަބަބަކީ ފުޓްބޯޅައިގެ ނަން މަޝްހޫރު ކޯޗުންގެ ތެރެއިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަކީ އެންމެ ވާދަވެރި ދެ ކޯޗެވެ.

އެ ވާދަވެރިކަން އެންމެ ފުރަތަމަ އުފެދިގެން އައީ 2008 ވަނަ އަހަރު ރެއާލް މެޑްރިޑްގެ ކޯޗު ކަމުގައި މޮރީނިއޯ ހުރިއިރު ވާދަވެރި ބާސެލޯނާގެ ކޯޗުކަމަށް ގާޑިއޯލާ އައި ހިސާބުންނެވެ.

ކޯޗިން ކެރިއަރުގައި ގާޑިއޯލާ އާއި މޮރީނިއޯ މީގެ ކުރިން 17 ފަހަރަކު ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން އަށް މެޗު ގާޑިއޯލާ ވަނީ ކާމިޔާބް ކޮށްފައެވެ. މޮރީނިއޯ އަށް ކާމިޔާބް ކުރެވިފައިވަނީ ތިން މޮޅެވެ. އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.