22 Sep 2016, 09:24
އިނގިރޭސި ލީގު ކަޕުގައި މެންޗަސްޓާ ޔުނައިޓެޑާއި މެންޗަސްޓާ ސިޓީ ރޭ ކުޅުނު މެޗުތައް ކާމިޔާބްކޮށްގެން ހަތަރު ވަނަ ބުރުން ދެ ޓީމު ވެސް ޖާގަ ހޯދާފި އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު ރޭގެ މެޗަށް ނުކުތީ ކޮންމެހެން ވެސް މެޗު ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ. އެގޮތުން ނޯތަމްޓަންގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 3-1ގެ ނަތީޖާ އަކުންނެވެ.
ރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މައިކަލް ކެރިކްއެވެ. ނަމަވެސް ނޯތަމްޓަން އިން ވަނީ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވަފައި ވަނިކޮށް ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރި އެވެ. އެ ގޯލު ނޯތަމްޓަން އަށް ކާމިޔާބު ކޮށްދިނީ އެލެކްސެންޑަރު ރެވެލެވެ.
އެ މެޗުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 68 ވަނަ މިނެޓްގައި އެންޑާ ހެރާރާ އެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ޒުވާން ފޯވާޑް މާކަސް ރަޝްފާޑްއެވެ.
މެންޗަސްޓާ ސިޓީ ރޭ ކުޅުނު މެޗުން އެ ޓީމު ވަނީ 2-1ގެ ނަތީޖާ އަކުން ސުވެންސަ ސިޓީ އަތުން މޮޅުވެފަ އެވެ.
ސުވެންސާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔައިރު ސިޓީގެ ފުރަތަމަ ގޯލު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގީލު ކްލެޗީއެވެ. ސިޓީއަށް ލީޑު ފުޅާ ކޮށްދިން ގޯލު 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެސް ގްރެސިއާ އެވެ.
ސްވެންސާއަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ކާމިޔާބުކޮށްދިނީ ސިގަޑްސަން އެވެ.