22 Sep 2016, 09:10
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.
އެ ނަތީޖާގައި އޮވެ މެޗު ނިމުނުއިރު އެތުލެޓިކޯ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނާގަ އެވެ. ބާސެލޯނާ 10 ޕޮއިންޓާ އެކު ތިން ވަނާގައި އޮތްއިރު ދެ ވަނާގައި 11 ޕޮއިންޓާއެކު އޮތީ ސެވިއްޔާ އެވެ. އެއް ވަނާގައި 13 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު އެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑަރު ނެގީ ބާސެލޯނާއިންނެވެ. އަންދުރޭ އިނިއެސްޓާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި 41 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ރަކިޓިކިޗެވެ.
އެ ނަތީޖާގައި އޮވެ ދެ ވަނަ ހާފަށް ނުކުމެ، އެތުލެޓިކޯގެ އެންހެލް ކޮރެއާ ވަނީ މެޗުގެ 61 މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭނާ އެ ގޯލު ކާމިޔާބު ކޮށްދިނީ ފެނާންޑޯ ޓޮރޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ލިބުނު އަނިޔާއެއްގެ ސަބަބުން މެސީ ވަނީ ބަދަލުކޮށްފަ އެވެ. އެ އަނިޔާއާ ގުޅިގެން މެސީ ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާންޖެހޭނެ އެވެ.