ސްޕެނިޝް ލީގްގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 17 މެޗުން މޮޅުވެ ރެއާލް މެޑްރިޑް އިން ގާއުމް ކުރަން ނިކުއިން ރެކޯޑަށް ވިޔަރެއާލް އިން ހުރަސް އަޅައިފި އެވެ.

އެންމެ ފަހުން ލީގްގައި ކުޅުނު 16 މެޗު ވެސް ކާމިޔާބް ކޮށް ބާސެލޯނާއިން ހަދާފައިވާ ރެކޯޑް އާއި ރެއާލް މެޑްރިޑް އިން ހަމަކޮށް ރޭގެ މެޗަށް ނިކުތީ އެމެޗު ކާމިޔާބު ކޮށް ލަލީގާގެ ތާރީހްގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 17 މެޗުން މޮޅުވި ފުރަތަމަ ޓީމްގެ ޝަރަފް ހޯދާށެވެ.

ނަމަވެސް ރެއާލްގެ ސެންޓިއާގޯ ބާނަބިއުގައި ކުޅުނު އެމުޗު ނިމުނީ 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. ރޭގެ އެމެޗުގައި ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ޓީމުން ބައިކީ ކުރި ކުރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.

ރެއާލް މެޑްރިޑް އާއި ވިޔަރެއާލް ރޭ ކުޅުނު މެޗުގައި ރެއާލްގެ ގޯލު ރާމޯސް ކާމިޔާބް ކުރަނީ --- ފޮޓޯ: ރެއާލް

އެމެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބްކޮށް ލީޑް ނެގީ ވިޔަރެއާލް އިންނެވެ. ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރެއާލް މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސާޖިއޯ ރާމޯސް އަތުގައި ޖެހިމުން ލިބުނު ޕެނަންޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ބުރޫނޯ ސޮރިއާނޯ އެވެ.

ދެވަނަ ހާފް ފެށިގެން ތިން ވަނަ މިނެޓްގައި ރިއާލް މެޑްރިޑްއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ރެއާލް މެޑްރިޑަށް ލިބުނު ކޯނަރެއްގައި ބޮލުން ވިޔަރެއާލްގެ ގޯލަށް ބޯޅަ ވައްދާލައިގެން ރެއާލް މެޑްރިޑަށް ނަތީޖާ އެއްވަރުކޮށްދިނީ ރާމޯސް އެވެ.

ރެއާލް މެޑްރިޑުން ހޯދި އެއް ޕޮއިންޓާ އެކު ޖުމްލަ 13 ޕޮއިންޓް ލިބިގެން އަދިވެސް އެ ޓީމް އޮތީ ތާވާލުގެ އެއްވަނައިގަ އެވެ. ދެވަނާގައި 11 ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ތިން ވަނާގައި 10 ޕޮއިންޓާ އެކު އޮތީ ޗެމްޕިއަން ބާސެލޯނާ އެވެ.