22 Sep 2016, 09:32
ވިއެތުނާމްގެ ޑަނަންގައި ފެށުމަށް ހަމަޖެހިފައިވާ ފަސް ވަނަ އޭޝިއަން ބީޗު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާނެ ކުޅުންތެރިއަކަށް ގައުމީ އަންހެން ބީޗު ވޮލީ ޓީމްގެ ކެޕްޓަން އައިޝަތު ޝައްފަ ހަމަޖައްސައިފި އެވެ.
މި މަހުގެ 24 އިން އަންނަ މަހުގެ އަށް ވަނަ ދުވަހަށް ވިއެޓުނާމުގައި ކުރިއަށްދާ އޭޝިއަން ބީޗު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ރޭ ވިއެތުނާމަށް ފުރުމުގެ ކުރިން އައިއެންއައިއޭ ވީއައިޕީ ލޯންޖްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޝައްފަ އާއި ދިދަ ހާވަލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.
އޭޝިއަން ބީޗު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީމާއި އެކު ޔޫތު މިނިސްޓަރު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އަންހެން އެންމެ މޮޅު ވޮލީ ކުޅުންތެރިއާގެ މަގާމު 2010 އަދި 2012 ވަނަ އަހަރު ވެސް ހޯދާފައިވާ ޝައްފަ އަކީ ގައުމީ ބީޗު ވޮލީ ޓީމްގް އިތުރުން ގައުމީ އަންހެން ވޮލީ ޓީމްގެ ވެސް ކެޕްޓަނެވެ.
"މިއީ ސްޕޯޓްސްގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދޮޅުމަސް ދުވަސް މިވަނީ ކޮންމެ ދުވަހަކު ހެނދުނާ ހަވީރު ވަރަށް ބުރަކޮށް ޕްރެކްޓިސްތައް ކުރިއަށް ގެންދާތާ،" ޝައްފަ ބުންޏެވެ.
ޝައްފަ ބުނީ އުންމީދު ކުރަނީ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކަމަށާއި މެޑަލެއް ހޯދުމަކީ ވަަރަށް ބޮޑު ޓާގެޓެއް ކަމަށެވެ.
އަންހެން އަދި ފިރިހެން ބީޗު ވޮލީގެ އިތުރުން ރާއްޖެ އިން ދެން ބައިވެރިވަނީ ރޯވިން އަދި ބޮޑީ ބޯޑިންގައެވެ.